26 Apr 2016, 09:33
ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ހއ. އިހަވަންދޫ ސިއްހީ މަރުކަޒުގެ އިސް މަގާމެއްގައި ހުރި ބޭފުޅަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު ސަން އަށް ވިދާޅުވީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ 19:20 އެހާކަންހާއިރު އެ ރަށުން 55 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އެމީހާ ދިރިއުޅޭ ގެއާއި މަސައްކަތް ކުރާ ތަން ކަމުގައިވާ އެރަށު ސިއްހީ މަރުކަޒު ބަލައި ފާސްކޮށް ސިހުރު ހަދަން ބޭނުންކުރާ ސާމާނުކަމަށް ބެލެވޭ އެއްޗެހިތަކެއް ވެސް ހޯދާފައިވާ ކަމަށް އޮފިސަރު ވިދާޅުވި އެވެ.
ހައްޔަރުކޮށްފައި ވަނީ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި ފަރާތްކަމަށް މައުލޫމަތު ލިބޭ އިރު، އެރަށު ސިއްހީ މަރުކަޒުން އެކަމާ ގުޅިގެން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.