07 May 2011, 13:54
ދަނޑުވެރިކަން ކުރުމަށް ދިގު މުއްދަތަށް ކުއްޔަށްދީފައި އޮތް އދ. އަރިޔަދޫގެ މުއްދަތު ހަމަވުމުން އެ ރަށް ކުރިން ވެސް ދެއްވާފައި އޮތް ކުރީގެ އެޓޯލްސް މިނިސްޓަރު އިލްޔާސް އިބްރާހީމަށް ދެއްވުމަށް ސަރުކާރުން ނިންމަވައިފި އެވެ.
ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ބުނީ އިލްޔާސް އިބްރާހީމަށް އަރިޔަދޫ އަލުން ދިގު މުއްދަތަކަށް ކުއްޔަށް ދެއްވަން ނިންމެވީ ކެބިނެޓުން ކަމަށާއި އެ ގޮތަށް ނިންމެވީ ދަނޑުވެރި ކަމުގެ މަސައްކަތް ކުރަން އަރިޔަދޫ ހޯއްދެވުމަށް އިލްޔާސް ހުށަހެޅުއްވެވި ޕްރޮޕޯސަލަށް ސަރުކާރުން ބެއްލެވުމަށް ފަހު ކަމަށެވެ.
ރައީސް މައުމޫން ސަރުކާރުގެ އަތޮޅުތަކާ ބެހޭ ވަޒީރާއި ޓްރޭޑް މިނިސްޓަރުކަން އަދި ޑިފެންސް މިނިސްޓްރީ ހިންގަވަން ރައީސް މައުމޫން އެތައް ދުވަހެއް ވަންދެން ހަވާލުކުރައްވާފައި ހުންނެވި، ދައުލަތުގެ ނިޝާން އިއްޒުއްދީންގެ އިއްޒަތެރި ވެރިކަން (ނ.އ.އވ)ގެ ލަގަބުގެ ވެރިޔާ އިލްޔާހަށް އަރިޔަދޫ އަލުން ދީފައި ވަނީ ރިސޯޓެއް ތަރައްގީ ކުރުމަށް ކަމަށް ދެކެވޭ ވަހާކަތަކަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ އެކަން އެ ގޮތަށް ކޮށްފައި ވަނީ ނޭޝަނަލް ޕްލޭނިން ކައުންސިލުގައި މަޝްވަރާކޮށް ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ކަމަށާއި އެކަމުގައި އެއްވެސް ކަހަލަ ގޯހެއް ހިނގާފައި ނުވާނެ ކަމަށެވެ.
"އިލްޔާސް ކުރެން އައްސަވާލައްވާ، އަދި އެގްރިކަލްޗަރުން ވެސް ސާފުކޮށްލައްވަވާ، އޭރުން އެނގިވަޑައިގަންނަވާނެ... އެ ރަށް އަލުން ދެއްވަނީ ދަނޑުވެރިކަން ކުރުމަށް،" ޒުހައިރު ވިދާޅުވި އެވެ. ނަމަވެސް އަރިޔަދޫގެ 22.1 ހެކެޓަރެގެ ބިން ދިގު މުއްދަށް އިލްޔާހަށް ދޭން ނިންމީ ކިތައް އަހަރަށް ކަމާއި އެ ރަށުގެ ކުލީގެ މުއްދަތު ޒުހައިރު ވިދާޅެއް ނުވެ އެވެ. އެކަމާ ބެހޭ ގޮތުން ފިޝަރީޒުން ވެސް މައުލޫމާތު ސާފުވާ ގޮތެއް ނުވި އެވެ.
ރައީސް އޮފީހުން ބުނީ އިލްޔާހަށް އަރިއަދޫ ދެނީ ރާއްޖޭގެ ބިމާ ބެހޭ އިދާރީ އޮނިގަނޑުގެ 10 ވަނަ މާއްދާގެ (ށ)ގެ ދަށުން ދަނޑުވެރިކަން ކުރުމަށް ކަމަށެވެ.
އަރިޔައަދޫ އަކީ އިލްޔާސް ވަރަށް ކުރިން ފެށިގެން ބޭނުންފުޅު ކުރައްވަމުން ވަޑައިގަންނަވާ ރަށެކެވެ. އެ ރަށުގައި އޭނާ މާމުއި ކުޅަނދުރު އާލާ ކުރައްވާ ގިނަ އަދަދަކަށް މާމުއި ވެސް އުފެއްދި އެވެ.