ވޮޝިންޓަން (އޭޕްރިލް 26): ދެހާސްސާދަ ވަނަ އަހަރު އެމެރިކާގެ ކްލީވްލޭންޑުގެ ފުލުހަކު، 12 އަހަރުގެ ފިރިހެން ކުއްޖެއްގެ ގަޔަށް ބަޑިޖަހައި މަރާލުމާ ގުޅިގެން އެ ކުއްޖާގެ އާއިލާއަށް މަރުގެ ބަދަލުގެ ގޮތުގައި ހަ މިލިއަން ޑޮލަރު ދިނުމަށް ކޯޓުން ހުކުމްކޮށްފި އެވެ.

ޓަމީރު ރައީސްގެ ގަޔަށް ފުލުހަކު ބަޑި ޖެހީ ކުޅޭ ބަޑިއެއް ހިފައިގެން އުޅެނިކޮށް އެއީ އަސްލު ބަޑިއެއް ކަމަށް ފުލުސް މީހާއަށް ހީވުމުންނެވެ. ފުލުސް މީހާ ޓަމީރު ގަޔަށް ދެފަހަރު ބަޑި ޖަހާތަން ފެންނަ ވީޑިއޯ އެއް ކޯޓުން ވަނީ އާއްމުކޮށްފަ އެވެ.

ކަޅު ނަސްލުގެ ކުއްޖެއް ކަމަށްވާ ޓަމީރު މަރާލީ، ކަޅު ނަސްލުގެ ރައްޔިތުންގެ ގަޔަށް ފުލުހުން ބަޑިޖަހާ، މަރާ މައްސަލަ ހޫނުވެފައި ވަނިކޮށެވެ. ޓަމީރުގެ މަރާ ގުޅިގެން އޭނާގެ އާއިލާއަށް އިންސާފު ހޯދައި ދިނުމަށް އެދި އެމެރިކާގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މުޒާހަރާކޮށްފަ އެވެ.

ކްލީވްލޭންޑުގައި ހުންނަ ޔޫއެސް ޑިސްޓްރިކްޓް ކޯޓުން ވަނީ އެ މައްސަލާގައި ކުށްވެރިވާ ފަރާތްތަކުން އާއިލާއަށް ހަ މިލިއަން ޑޮލަރުގެ ބަދަލު ދޭން އަމުރު ކޮށްފަ އެވެ. ފައިސާގެ އެއްބައި ދޭނީ މިއަހަރެވެ. އަނެއް ބައި އަންނަ އަހަރެވެ.

މަރުގެ ބަދަލު ދޭން ޖެހުނު ނަމަވެސް އެ މައްސަލައިގައި ބަޑި ޖެހި ފުލުސް މީހާއާ ދެކޮޅަށް ދައުވާ ކުރަން ކޯޓުން ވަނީ ދެކޮޅު ހަދާފަ އެވެ. (ބީބީސީ)