26 Apr 2016, 09:29
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ކްލަބު މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ކްލަބު އެމްއާރުޑީސީ ބަލިކޮށް، ޔުނައިޓެޑް ބީއެމްއެލް ހޯދައިފި އެވެ.
ޔުނައިޓެޑް ބީއެމްއެލްއިން ޗެމްޕިއަންކަން ހޯދީ ޓްރެފިކް ޕޮލިސް ކުރިމަތީ އޮންނަ މާފަންނު ސްޓޭޑިއަމް ވެލި ދަނޑުގައި ރޭ ކުޅުނު ފައިނަލުގައި ކްލަބު އެމްއާރުޑީސީގެ މައްޗަށް 6-2 ލަނޑުން މޮޅުވެގެންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު ބީއެމްއެލްގެ އިޝާން އިބްރާހިމް ކާމިޔާބުކޮށްފައި ވަނިކޮށް، އަބްދުﷲ ޝަފީއު ވަނީ އެމްއާރުޑީސީއަށް ނަތީޖާ ހަމަހަމަކޮށްފަ އެވެ. ނަމަވެސް ބީއެމްއެލްގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އިޝާން އާއި އިބްރާހިމް ހަމްދާން ވަނީ އަލުން އެ ޓީމަށް ލީޑު ހޯދައިދީފަ އެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ ފައިނަލުގައި ޔުނައިޓެޑް ބީއެމްއެލް އާއި ކްލަބު އެމްއާރުޑީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުނައިޓެޑް ބީއެމްއެލް މޮޅުވީ 6-2 ލަނޑުން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ބީއެމްއެލް އިން ދެ ލަނޑުގެ ލީޑެއް ނަގައިފައި ވަނިކޮށް، އެމްއާރުޑީސީ އަށް އެ ލީޑު ހަނިކޮށްދިނީ އަލީ ނާފިއު އެވެ. ބީއެމްއެލްގެ ފަހު ތިން ލަނޑުގެ ތެރެއިން ދެ ލަނޑު މުހައްމަދު ނާޝިދު އަހްމަދު ނަސީމް ކާމިޔާބުކުރި އިރު، ފަހު ލަނޑު ކާމިޔާބުކޮށް އިޝާން ވަނީ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ބީއެމްއެލްގެ މުހައްމަދު ޝަފީއު އެވެ.
ރޭގެ މެޗަށް ފަހު ވަނަވަނަ އަށް ހޮވުނު ޓީމުތަކާއި ކުޅުންތެރިންނަށް ވަނީ އިނާމު ހަވާލުކޮށްފަ އެވެ. އިނާމުތައް ހަވާލުކޮށްދެއްވީ އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން ބައްސާމް އަދީލް ޖަލީލްއާއި، މައިލޯގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު ދިޝާން ވިޖެޔަވަރްދެނޭ އަދި ދިރްހަމް ޓްރެވަލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ހަލީމް އެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ ރަނަރަޕް ކްލަބު އެމްއާރުޑީސީ: މުބާރާތުގެ ފައިނަލުގައި ކްލަބު އެމްއާރްޑީސީ އަތުން ޔުނައިޓެޑް ބީއެމްއެލް މޮޅުވީ 6-2 ލަނޑުން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
އެ މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިޔަކަށް ޓީމް ފެނަކަގެ ހުސައިން ޝަރީފް ހޮވުނު އިރު، ފެއާޕްލޭ ޓީމަކަށް ހޮވުނީ ޓީމް ފެނަކަ އެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާގެ މަގާމު ފެނަކަގެ އަބްދުﷲ ޝައްފާން ހޯދި އިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ބީއެމްއެލްގެ ކޯޗު އިސްމާއިލް އަނިލް އެވެ. އެންމެ ސަޕޯޓިން ޓީމަކަށް ހޮވުނީ ކްލަބު އެމްއާރުޑީސީ އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޓީމު ފެނެކަގެ އަހްމަދު ހަލީމް އާއި އެމްއާރުޑީސީގެ އަހްމަދު އަހުސަން އާއި ބީއެމްއެލްގެ އިބްރާޙިމް ހަމްދާން އާއި ޓީމު ފެނަކަގެ ހުސައިން ޝަރީފް އަދި އެމްއާރުޑީސީގެ މުހައްމަދު ސުޖަން އަހްމަދު އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބީއެމްއެލްގެ އިބްރާޙިމް ހަމްދާން އެވެ.
އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބީއެމްއެލް ޔުނައިޓެޑަށް ފައިސާގެ އިނާމެއްގެ ގޮތުގައި 35،000 ރުފިޔާ ހަވާލުކުރި އިރު، ރަނަރަޕް ޓީމު އެމްއާރުޑީސީއަށް ފައިސާގެ އިނާމެއްގެ ގޮތުގައި ލިބިފައި ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ބައި، 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ފައިނަލުގައި ޓީމު ފެނަކަ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ކްލަބު އިމިގްރޭޝަނެވެ.