ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައިގައި އެމެރިކާއާއި އިނގިރޭސި ވިލާތުގެ ސްޓޭންޑު އެއްގޮތްވެފައި، އެ ދެ ގައުމަށް ސައްހަ މައުލޫމާތު ލިބިފައި ނުވަނީ، އެ ދެ ގައުމުގެ ޑިޕްލޮމެޓިކް މިޝަންތައް ރާއްޖޭގައި ނުހުންނާތީ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ "ދަ ހިލް" ނޫހަށް ލިޔުއްވި ލިޔުއްވުމެއްގައި ދުންޔާ ވިދާޅުވީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހާއި، އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރަން ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ފާޅު ކުރައްވާފައިވާ ކަންބޮޑުވުންތަކާ މެދު ދިވެހި ސަރުކާރުން ސުވާލު ނުއުފައްދާ ކަމަށާއި، އެހެން ނަމަވެސް ރައީސް ނަޝީދުގެ ޝަރީޢަތް ބިނާވެފައިވާ ކުށަށް އެމަނިކުފާނު އިއުތިރާފު ވެފައިވާ ކަމަށެވެ.

"ރައީސް ނަޝީދުގެ ސިޔާސީ ވާދަވެރިއެއް ހައްޔަރުން ދޫކޮށްލުމުގެ ސަބަބުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައްޔަރުކުރުމަށް އަމުރު ކުރެއްވި ކަމަށް ނަޝީދު އެއްބަސްވެވަޑައިގެންނެވި. ނިއު ޔޯކް ޓައިމްސްއަށް ލިޔުއްވި ލިޔުއްވުމެއްގައާއި، ބީބީސީ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވެސް އެކަމަށް އިއުތިރާފުވެވަޑައިގެންނެވި،" ދުންޔާ ވިދާޅުވި އެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނުގެ ވަކީލު އާމާލް ކްލޫނީ: ފޮޓޯ/ ޑެއިލީ މެއިލް

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި 2015 ވަނަ އަހަރު ވަނީ، ރައީސް ނަޝީދުގެ މައްޗަށް ޝަރީއަތް ކުރެވި، 13 އަހަރު ދުވަހަށް ޖަލަށް ލެވިފަ އެވެ. އެހެން ނަމަވެސް އެ ޝަރީޢަތުގައި ބައެއް އިޖުރާއަތްތައް ފުރިހަމަ ކޮށްފައި ނުވާ ކަމަށް ރައީސް ނަޝީދާއި ވަކީލުން ބުނަމުންދާ އިރު، ދުނިޔޭގެ ބައެއް ގައުމުތަކާއި ޖަމިއްޔާތަކުން ވެސް ބުނަމުން ދަނީ އެހެންނެވެ.

ދުންޔާ ވިދާޅުވީ، ބައެއް މައުލޫމާތު މީޑިއާއިން ރިޕޯޓު ކުރަމުން ދަނީ ގޯސްކޮށް ކަމަށާއި، އެމެރިކާގެ ސެނެޓުގެ ގަރާރުތައް ހެދުމަށާއި އިނގިރޭސި ސަރުކާރުގެ ބަޔާންތައް ހެދުމަށް އެފަދަ މަސްދަރުތަކުން މައުލޫމާތު ނަގައިފި ނަމަ ލިބޭނީ ފުރިހަމަ ނޫން މައުލޫމާތު ކަމަށެވެ.

"އަޅުގަނޑުގެ ގައުމުގައި އެމެރިކާއާއި ޔޫކޭއިން ޑިޕްލޮމެޓިކް މަންދޫބުން ނުތިބޭތީ ވާނީ ވެސް އެހެން ކަމަށް ބެލެވޭ. އޭގެ ބަދަލުގައި، އެ ދެ ގައުމުން ސްރީލަންކާގައި ހުންނަ ދާއިމީ ޑިޕްލޮމެޓިކް މިޝަންތަކެއްގައި ތިބެގެން ރާއްޖޭގައި އޮޕަރޭޓް ކުރަނީ ވާޗުއަލް އެމްބަސީތަކެއް،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ، އެމެރިކާ ސެނެޓުގެ ގަރާރާއި އިނގިރޭސި ސަރުކާރުގެ ބަޔާން އެހާ އެއްގޮތް ވެފައި، ކުރީގެ ރައީސް ނަޝީދަށް ތާއީދުކޮށް، ދިވެހި ސަރުކާރާ މެދު ސުވާލު އުފައްދަމުން ދަނީ، މައުލޫމާތު ރަނގަޅަށް ނުލިބޭތީ ކަމަށް ބެލެވޭ ކަމަށެވެ.

އިނގިރޭސި އޭޕީޕީޖީގެ ވަފްދު، ރައީސް ޔާމީނާއި ބައްދަލުކުރެއްވުން -- ފޮޓޯ/ރައީސް އޮފީސް

އެހެން ނަމަވެސް، އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ އޯލް ޕާޓީ ޕާލަމެންޓަރީ ގްރޫޕުން ރާއްޖެއަށް ޒިޔާރަތްކޮށް، ކަންކަން ރަނގަޅަށް ބެލުމަށް ފަހު ނަގާފައި ވަނީ ތަފާތު ސްޓޭންޑެއް ކަމަށް ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ، ކޮންމެ ކަމެއްގައި ވެސް ދެ ފަރާތެއް ވާ އިރު، ޚާއްސަކޮށް ރާއްޖޭގައި ދާއިމީ ޑިޕްލޮމެޓިކް މިޝަނެއް ނުހުންނަ ނަމަ ސައްހަ މައުލޫމާތު ހޯދަން ޖެހޭ ކަމަށެވެ.

އެހެންކަމުން، ރާއްޖޭގެ ކަންކަން ހިނގާ ގޮތް ބެލުމަށް އެމެރިކާއާއި ޔޫކޭގެ ފަރާތްތަކުން ރާއްޖެ އައުމަށް ދައުވަތު ދެއްވާ ކަމަށް ދުންޔާ ވިދާޅުވި އެވެ.

"ގޮތެއް ނިންމުމުގެ ކުރިން ދެކޮޅު ބަލައިލުމަށް އެދެން. ބައެއް ފަރާތްތަކުން ދެކޮޅު ބަލައި، ތަފާތު ރައުޔުތައް ނެރެފައިވޭ. އެހެންކަމުން، މިތަނުގައި ކަން ހިނގާގޮތް ބަލައިލުމަށް އެމެރިކާއާއި ޔޫކޭގެ އެހެން ފަރާތްތަކަށް ވެސް އަޅުގަނޑުމެން ދައުވަތު ދެން،" ދުންޔާ ވިދާޅުވި އެވެ.