އިންޑިއާގެ ތްރިވަނަންތަޕޫރަމްގެ ޕޫޖަޕޫރާ ޕޮލިސް ސްޓޭޝަނުގައި ދިވެހި ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު ޔާފިއު، 27 ބަންދުކޮށްފައި ހުންނަތާ ހަ މަސްވެފައިވާ ކަމަށް އޭނާގެ ވަކީލާ ހަވާލާދީ އިންޑިއާގެ ނޫހަކުން ބުނެފި އެވެ.

އިންޑިއާގެ ޓައިމްސް އޮފް އިންޑިއާ ނޫހުގައި ބުނެފައި ވަނީ މީގެ ދެ އަހަރު ކުރިން ޔާފިއު ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގެ ތުހުމަތުގައި ކަމަށެވެ. އަދި މައްސަލާގައި ދައުވާ އުފުލުމުން ޔާފިއުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް އިންޑިއާގެ ކޯޓުން ހުކުމް ކުރުމުން ޖަލުން އޭނާ ދޫކޮށްލާފައި ވަނީ މިދިއަ އަހަރުގެ ނޮވެމްބަރު މަހުކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.

ޖަލުން ދޫކޮށްލި އިރު ޔާފިއުއަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު ހަމަވެފައިވުމުން ވިސާ ހެއްދެންދެން ކަމަށްބުނެ ޕޫޖަޕޫރާ ޕޮލިސް ސްޓޭޝަނުގައި އޭނާ ބެހެއްޓިކަމަށް ޔާފިއުގެ ވަކީލާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ވަނީ ބުނެފަ އެވެ. އަދި ހުއްދައަކާއި ނުލައި ޕޮލިސް ސްޓޭޝަނުން ބޭރަށް ނުކުތުން ވެސް މަނާކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

ޔާފިއުގެ ޕާސްޕޯޓު އިންޑިއާ ސަރުކާރުން ހިފަހައްޓާފައިވުމުން އަނބުރާ ރާއްޖެ ނާދެވި އެކޮޅުގައި ހުންނަން ޖެހުނީ ކަމަށް ޔާފިއުގެ ވަކީލު ވަނީ ބުނެފަ އެވެ. އިންޑިއާ ސަރުކާރުން އެކަމާ ބެހޭ ގޮތުން ދޭ ޖަވާބެއް ކަމަށް ނޫހުގައި ބުނެފައި ވަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައި ވުމާއި މައްސަލައިގެ އިތުރު ތަހުގީގުތަކެއް ކުރިއަށްދާތީ ފުރައިގެންގޮސްފި ނަމަ ތަހުގީގަށް ހުރަސް އެޅޭނެ ކަމަށް ބުނެ އެވެ.

އެމައްސަލާގައި އިންޑިއާގެ ހައިކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރެއްގައި ޔާފިއުއަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު އިތުރުކޮށްދީ ވިސާއަށް އެދި ހުށަހެޅި ފޯމު ބަލައިގަތުމަށް ކަމާ ބެހޭ ފަރާތްތަކަށް ވަނީ އަންގައިފަ އެވެ.

އެ އަމުރާ ގުޅިގެން ޔާފިއުގެ ވަކީލު ސުރެޝް ކުމާރު ބުނެފައި ވަނީ އެއީ ލިބުނު ކުރިއެރުމެއް ކަމަށާއި ވިސާ ލިބުމުން ޕޮލިސް ސްޓޭޝަނުން ބޭރަށް ނުކުމެ، ރަނގަޅުތަނެއްގައި ދިރިއުޅުމާއި ބޭރަށް ނުކުމެ އުޅުން ކަހަލަ ކަންކަމަށް މަގުފަހިވެގެންދާނެ ކަމަށެވެ.