ގެއެއްގެ ބަދިގެއަކުން ވައްކަން ކުރި މީހަކު ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސ. ހިތަދޫ ޝެމީމަންޒިލް ނިޝާޒް މުހައްމަދު ދީދީގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ ހ. ހީރޯޝިމާގޭގެ ބަދިގެއިން ވައްކަން ކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވުމުންނެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމްގައި ވަނީ 2011 ވަނަ އަހަރުގެ އޯގަސްޓު މަހު ހ. ހީރޯޝިމާގެއިން 17 ތެއްޔާއި ފުށްގިރާ ދަގަނޑަކާއި ދެ ކޯން ފްރޭނި އާއި އުނދުޅިއަކާއި ދެ ސަމްސާ ސެޓާއި އެއް ވަޅި ސެޓާއި ޕެޕަރ އަޅާ ހުސްފުޅިއެއް ގެއްލިފައިވަނިކޮށް އެދުވަހު އެމްއެންބީސީ ކޮށި ކައިރިން ނިޝާޒް ފެނުނު އިރު އޭނާގެ އަތުން ފެނުނު ދެ ފޮށިގަނޑުން އެތަކެތި ފެނިފައިވާ ކަމަށެވެ.

އެ މައްސަލަ ޝަރީއަތަށް ސާބިތުވީ ހެކީންގެ ހެކިބަހުން ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.