ރާއްޖެއަށް ހައި ސްޕީޑު އިންޓަނެޓު ތައާރަފު ކުރުމަށްޓަކައި، ރާއްޖޭގެ އުތުރުން ދެކުނަށް ސަބްމެރިން ކޭބަލް އެޅުމަށް އުރީދޫ މޯލްޑިވްސްއިން ފަށާފައިވާ ބޮޑު މަޝްރޫއު ހިންގައިދޭ ޗައިނާގެ ވާވޭ ޓެކްނޮލޮޖީސްއަށް ޕާޓްނަރެއްގެ ގޮތުން އެހީތެރިވެދިނުމަށް، މެދު އިރުމަތީގައި ސަބްމެރިން ކޭބަލް ސޮލިއުޝަންސް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އީމެރީންއިން ނިންމައިފި އެވެ.

ޔޫއޭއީގެ އީމެރީން ކުންފުނިން މިކަން ހާމަ ކުރީ، ކަނޑު ހުރަސްކޮށް މުވާސަލާތީ ޚިދުމަތް ދޭ ކުންފުނިތަކުގެ ބައިނަލްއަގްވާމީ ބައްދަލުވުން "ސަބްއޮޕްޓިކް 2016" ގަ އެވެ.

އީމެރީންގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އުމަރު ޖާސިމް ބިން ޖަލްބާން ވިދާޅުވީ، ރާއްޖެއަށް ހައި ސްޕީޑު އިންޓަނެޓު ގެނައުމަށް ކުރެވޭ މަސައްކަތުގައި ވާވޭ މެރީން ނެޓްވޯކްސްއާ ބައިވެރިވެވޭތީ އުފާ ކުރާ ކަމަށެވެ.

"މި ނިންމުމުން ވެސް ހާމަވާނީ، މައުލޫމާތުގެ މި ޒަމާނުގައި އެކިއެކި ގައުމުތައް ގުޅުވައިލުމުގައި އަޅުގަނޑުމެން ކުރާ މަސައްކަތާއި، މި މަސައްކަތް އަޅުގަނޑުމެންނަށް މުހިންމު ވާ މިންވަރު،" އޭނާ ވިދާޅުވި އެވެ.

ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް ކުރުމަށް އުރީދޫއާއި ވާވޭ ގުޅިގެން މިދިޔަ މާރިޗު މަހު ވަނީ، ސާވޭ ކުރަން ފަށައިފަ އެވެ.

އުރީދޫ އިން ސަބްމެރިން ކޭބަލް އަޅަނީ ވާވޭ މެރިން 100ޖީ ޓެކްނޮލޮޖީ މެދިވެރިކޮށެވެ. އެގޮތުން 1200 ކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިގެންދާގޮތަށް އަޅާ ފައިބަ އޮޕްޓިކް ސަބްމެރިން ކޭބަލްގެ ސަބަބުން ރާއްޖޭގެ އިންޓަނެޓްގެ ހިދުމަތުގެ ފެންވަރަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.