26 Apr 2016, 09:17
ގިނަ ބަޔަކަށް އެއެއްޗެއްގެ ސަބަބުން އުނދަގޫތަކަކާއި ކުރިމަތިވާ ތަންމަކުނަކީ އެނދުގައި ސޯފާގައި އަދި ސްޕޮންޖް ގޮނޑީގައި ވެސް އަޅާ ކުޑަ ކުޑަ ސޫތްޕެއްކެވެ. އެ އެޅުމަށް ފަހު ފިލުވާލަން އުނދަގޫ ތަންމަކުނާ ބެހޭ ގޮތުން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ތަންމަކުނު ވަކިން ބޮޑަށް ގަޔާވާ ކުލަތަކެއް ވެސް ހުރެ އެވެ. އޭގެތެރޭގައި ކަޅާއި ރަތްކުލަ ފާހަގަކޮށްލެވޭ ކަމަށް ދިރާސާގެ ނަތީޖާ އިން ވަނީ ދައްކައިފަ އެވެ.
ތަންމަކުނާ ބެހޭ ގޮތުން ދިރާސާ ހަދާފައި ވަނީ އެމެރިކާގެ ފްލޮރިޑާގެ ޔޫނިއަން ކޮލެޖުންނެވެ. އެ ދިރާސާ ހެދުމަށް އެކި ކުލަކުލައިގައި ހުންނަ ހޮރުފަދަ ތަންތަން ހެދުމަށް ފަހު ފޮށްޓަކަށްލައި ތަންމަކުނުތައް އެފޮއްޓަށް ދޫކޮށްލި އެވެ. ކުލަ އިހުތިޔާރު ކުރުމަށް ތަންމަކުނުތަކަށް ވަނީ 10 މިނެޓުގެ ވަގުތު ދީފަ އެވެ. އެ ސޫފިތައް ވަދެ ފިލާފައި ވަނީ ކަޅާއި ރަތްކުލައިގެ ހޮރުތަކަށް ކަމަށް ދިރާސާގެ ނަތީޖާގައި ބުނެފައިވެ އެވެ.
"ފުރަތަމަ ބޮޑަށް ގަބޫލުކުރެވުނީ ތަންމަކުނު ރަތްކުލައާ ބޮޑަށް ގަޔާވަނީ އެއީ ލޭގެ ކުލަ ރަތްކުލާގައި ހުރުމާއި، އެމީހުންގެ ކާނާއަކީ ލެޔަށް ވާތީކަމަށް. ދިރާސާ އަށް ފަހުން އެނގުނު އެއްޗަކީ ތަންމަކުނަކީ ވެސް ރަތްކުލާގައި ހުންނަ އެއްޗެއްކަމުން އެމީހުންނަށް ފިލާތިބެން ފަސޭހަވާނެތީ ރަތްކުލަ އިހުތިޔާރު ކުރަނީކަން،" ދިރާސާ ލިޔުމުގައި ބައިވެރިވި ދެމީހުންގެ ތެރެއިން ޑރ. ކޮރެއިން މިކްނީލް ވިދާޅުވެފައިވެ އެވެ.
ކަޅާއި ރަތްކުލައަށް އެންމެ ބޮޑަށް ގަޔާވި ތަންމަކުނަށް އެންމެ ކަމުނުދާ ކުލައެއް ކަމަށް ދިރާސާ އިން ދައްކާފައި ވަނީ ފެއްސާއި ރީނދޫކުލަ އެވެ. އެހެންއެވާ ސަބަބެއް ކަމަށް ދިރާސާ ހެދި ފަރާތްތަކުން ބުނެފައި ވަނީ ފެއްސާއި ރީނދޫކުލައަކީ އަލި ދެކުލައަށްވެފައި، އެކަހަލަ ކުލައެއްނަމަ ފިލާތިބުމަށް ތަންމަކުނުތަކަށް އުނދަގޫވާނެތީ ކަމަށެވެ.
ކުލައިގެ ސަބަބުން ތަންމަކުނު އެނދުގައި ނުވަތަ ސޯފާގައި އަޅާކަމަށް ދިރާސާ އިން ދެއްކި ނަމަވެސް އެތަކެތި އުކާނުލައި ކުލަ ބަދަލުކޮށްލައިގެން ބަދަލެއް ފެނޭތޯ ބެލުމަށް ފެއްސާއި ރީނދޫކުލަ އިހުތިޔާރު ކުރުމަށް ޑރ. ކޮރެއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ތަންމަކުނާ ބެހޭ ގޮތުން "ބަގްސް ވިތައުޓް ބޯޑާސް"ގެ ނަމުގައި ވޭތުވެ ދިޔަ އަހަރު ވެސް ވަނީ ދިރާއެއް ހަދާފަ އެވެ. އެއީ ތަންމަކުނު އެންމެ ގިނައިން އާލާވަނީ ކޮންތަންތަނެއްގައިތޯ ބެލުމަށް ހެދި ދިރާސާއެކެވެ. އެ ދިރާސާ އިން ދެއްކި ގޮތުން ތަންމަކުނު އެންމެ ގިނައިން އާލާވަނީ މީހުން ދިރިއުޅޭ އެޕާޓްމެންޓްތަކާއި ހޮޓެލް ފަދަ ތަންތަނުގަ އެވެ.
ތަންމަކުނުގެ ސަބަބުން ތަންތަން ހިރުވުމާއި، ތަންމަކުނު ހަފާތަން ރަތްވެ ދުޅަވުން އަދި އެލާޖިކްވުން ފަދަ މައްސަލަތައް ދިމާވެ އެވެ.