25 Apr 2016, 23:20
މާލޭގެ ހުޅަނގު ދެކުނު ބަނދަރުގައިވާ ކެފޭތައް (ހާބަރު ކަޑަތައް) ކުރިއަށް އޮތް ތިން ދުވަސްތެރޭ ހުސްކުރަން ހައުސިންގް މިނިސްޓްރީން އަންގައިފި އެވެ.
ހުސްކުރަން ބުނެފައިވާ މުއްދަތަށްވުރެ ދިގުކޮށް، ހައުސިން މިނިސްޓްރީން ހާބަރު ކަޑަތައް ހުސްކުރުމަށް މިދިއަ ފެބުރުއަރީ މަހުގެ ފަސްވަނަ ދުވަހާއި އެމަހުގެ 18 ވަނަދުވަހު ވަނީ އަންގާފަ އެވެ. ނަމަވެސް އަދިވެސް ބައެއް ކަޑަތައް ހުސްކޮށްފައެއް ނުވެ އެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަދު 16:00 ފެށިގެން 72 ގަޑިއިރު (ތިންދުވަހުގެ) ތެރޭ ހާބަރު ކަޑަތައް ހުސްކުރަން ޖެހޭނެކަމަށެވެ.
މިދިޔަ ޖެނުއަރީމަހު ހައުސިން މިނިސްޓްރީއާއި އެސްޓީއޯއިން ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން އެސްޓީއޯއިން ހުޅަނގު ދެކުނު ބަނދަރު ސަރަހައްދުގައި ޒަމާނީ ފުޑްކޯޓްތަކަކާއި ޕާކިން ޒޯންތަކަކާއި ދެ ފާހާނާބަރި ހަދާނެއެވެ.
އެއްބަސްވުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު އޭރު ވިދާޅުވީ، ފުޑްކޯޓްތައް ތަރައްގީ ކުރުމުން އެ ސަރަހައްދު ވަރަށް ހިތްގައިމު މަންޒިލަކަށް ވެގެންދާނެ ކަމަށެވެ.
"... ވަރަށް ރީތި، ޒަމާނީ، ހިތްގައިމު މަންޒިލަކަށް އިރާދަކުރެއްވިއްޔާ މިތަން ބަދަލުވެގެން މިދަނީ. އެތަނުގެ ކުރިމަތީގައި މިހާރު ހެދިފައި އެވާ ޕާކާ ވެސް ގުޅޭ ގޮތަކަށް، ވީހާ ވެސް އެސަރަހައްދުގެ އެމްބިއަންސާ ގުޅޭ ގޮތަކަށް ތަރައްގީވެގެން މިދަނީ،" މުއިއްޒު ވިދާޅުވި އެވެ.
ހުޅަނގު ބަނދަރު ސަރަހައްދުގައި ފުޑްކޯޓް ތަރައްގީ ކުރާނީ ބަދިގެތަކެއް ހުރެފައި ދެފަރާތުން ވެސް ވަދެވޭ ގޮތަށް، މީހުން އިށީނދެ ތިބުމަށް ބޮޑު ސަރަހައްދެއް އޮންނަ ގޮތަށް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. އަދި ރޮޓަރީ އުސޫލުން ވެހިކަލް ޕާކް ކުރާނެ ދެ ސަރަހަދެއް ވެސް އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ތަރައްގީކޮށް ނިމުމުން އެތަނުގައި ހުންނާނީ 25 ނުވަތަ 27 ސްޓޯލެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު އަޙުމަދު ޝަހީރު ވިދާޅުވެފައިވަނީ ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އެ މަޝްރޫއު ނިންމާލެވޭނެ ކަމަށެވެ. ފުޑްކޯޓްތައް ހިންގަން އެކި ފަރާތްތަކަށް ދޫކުރާނެ އުސޫލެއް އެސްޓީއޯ އިން ފަހުން ހާމަ ކުރާނެ ކަމަށް ޝަހީރު ވަނީ ވިދާޅުވެފަ އެވެ.
"...އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަ މަސްދުވަހުގެ ތެރޭގައި މިތަން ޑިވެލޮޕްކޮށް ނިންމާނަން. ދެން މިތަން ޑިވެލޮޕްކުރުމުގައި އަޅުގަނޑުމެން ބޮޑަށް ބަލާނީ މިހާރު ވެސް ފުޑްކޯޓްތައް ބޭނުންކުރާ އާއްމު ރައްޔިތުންނަށް އުނދަގޫ ނުވާނެ ގޮތަށް ދެ ފޭސް އަކަށް ބަހާލައިގެން،" ޝަހީރު ވިދާޅުވި އެވެ.