25 Apr 2016, 22:12
މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް، ތުރުކީއިން ސީރިއާއަށް ދިން ހަމަލާތަކުގައި އައިއެސް ޖަމާއަތުގެ ގާތްގަނޑަކަށް 900 މީހަކު މަރާލާފައިވާ ކަމަށް އެގައުމުގެ މީޑިއާގައި ރިޕޯޓު ކޮށްފި އެވެ.
ތުރުކީގެ އަސްކަރިއްޔާގެ މަސްދަރުތަކާ ހަވާލާދީ، އެގައުމުގެ ދައުލަތުގެ މީޑިއާއިން ބުނީ، އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް، އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުގައި ވެސް ހިމެނޭ ތުރުކީއިން، ޖަނަވަރީ ނުވަ ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ސީރިއާގައި ދިން ވައިގެ ހަމަލާތަކުގައި 492 ޓެރަރިސްޓުން މަރާލާފައިވާ ކަމަށެވެ.
އަދި ބަރު ހަތިޔާރު ބޭނުންކޮށްގެން ދިން ހަމަލާތަކުގައި 370 ވަރަކަށް މީހުން މަރާލެވިފައިވާ ކަމަށް ތުރުކީގެ އަސްކަރިއްޔާގެ ފަރާތަކާ ހަވާލާދީ، އެގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓު ކުރެ އެވެ. އެހެން ނަމަވެސް މި ކަން ރަސްމީކޮށް ކަށަވަރު ކުރެވިފައެއް ނުވެ އެވެ.
ތުރުކީގެ ރައީސްގެ ތަރުޖަމާނު މިއަދު ވިދާޅުވީ، އައިއެސް ޖަމާއަތާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވިގެން 3،300 އަށް ވުރެ ގިނަ މީހުން އެގައުމުން ޑީޕޯޓު ކޮށްލެވިފައިވާ ކަމަށާއި، 41،000 އަށް ވުރެ ގިނަ ބޭރު މީހުން އެގައުމަށް އެތެރެވުން މަނާ ވެސް ކޮށްފައިވާ ކަމަށެވެ.
އަދި އޭގެ އިތުރުން، އައިއެސްއާ ގުޅުން ހުރި ކަމަށް ބެލެވޭ 2،770 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 1،232 މީހުންނަކީ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުން ކަމަށް ވެސް ތުރުކީގެ ރައީސްގެ ތަރުޖަމާނު ވިދާޅުވި އެވެ.