ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައި އއ. ރަސްދޫގައި ކުރި މުޒާހަރާއެއްގެ ތެރެއިން ފުލުހަކަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

ދެހާސް ތޭރަ ވަނަ އަހަރުގެ ސެޕްޓެމްބަރު 25 ވަނަ ދުވަހުގެ ރޭ 9:30 އެހައިކަންހާއިރު ކުރި އެ މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ހދ. ކުޅުދުއްފުށީ ޝޭޑީކެބިން މޫސާ ހުސައިންގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ފުލުހުންގެ ދައުރު އަދާކުރަން ހުރި މީހަކަށް ހަމަލާދިނުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާގައި ވަނީ އެރޭގެ މުޒާހަރާގައި ރަސްދޫ ކޯޓު ކުރިމަތީގައި ވާޖަހާފައި އެލުވާފައި ހުރި ދެ ފޫޓު ހުންނަވަރުގެ ހުދު ޖަންގިޔަލެއް ފުލުހުން ނެގުމާ ގުޅިގެން މުޒާހަރާގައި ހަމަނުޖެހުން ހިނގި ކަމަށެވެ. އެ ހަމަނުޖެހުންތަކުގެ ތެރެއިން މޫސާ ހުސައިން ރަސްދޫ ޕޮލިސްޓޭޝަންގެ ތެރެއަށް ވަދެ ޕޮލިސް ކޯޕްރަލް އަމްޖަދު މުހައްމަދުގެ ގައިގައި ޖެހި ކަމަށް އަމްޖަދު ބުނާއިރު، އަމްޖަދު ގައިގައި އޭނާ ޖެހިތަން ދުށްކަމަށް ޕޮލިސް ކޮންޓަބަލް މުހައްމަދު ތާއިފް ބުނާ ކަމަށް ވެސް އެ ދައުވާގައި ވެއެވެ.

އެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުން މާދަމާ ރަސްދޫ ކޯޓުގައި އޮންނާނެ އެވެ.

ދެހާސް ތޭރަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިދިކޮޅު އެމްޑީޕީން ވަނީ އަލީ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ގޮވާލައި ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.

އެ މުޒާހަރާތައް ކުރިއަށްގެންދިޔައީ އަލީ ހަމީދު ކަސްބީ އަންހެނުންތަކަކާ އެކު ޖިންސީ ގުޅުން ހިންގާ ކަމަށް ބުނާ ވީޑިއޯއެއް ލީކުވުމާ ގުޅިގެންނެވެ.

އެ ވީޑިއޯ އެނަލައިޒް ކުރުމަށްފަހު ފުލުހުން ބުނެފައި ވަނީ އެ ވީޑިއޯ އިން ފެންނަނީ އަލީ ހަމީދުކަން ކަށަވަރު ނުކުރެވޭ ކަމަށެވެ.

އެ ވީޑިއޯއާ ގުޅިގެން އަލީ ހަމީދުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ވެސް ހުށަހެޅިއެވެ. ނަމަވެސް އެ ކޮމިޝަނުން ނިންމާފައި ވަނީ އެ ވީޑިއޯ އިން ފެންނަނީ އަލީ ހަމީދުކަން ކަށަވަރު ނުކުރެވޭތީ ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށެވެ.

އަލީ ހަމީދަކީ މިހާރު ޖޭއެސްސީގެ ރައީސެވެ.