ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ސްޕޯޓްސް އެރީނާތައް ގާއިމު ކުރުމުގެ ސިޔާސަތުގެ ދަށުން މީހުން ދިރިއުޅޭ 67 ރަށެއްގައި ފުޓްސަލް ދަނޑު އެޅުމަށް ޔޫތު މިނިސްޓްރީން މޯލްޑިވްސް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ގަލޮޅު ދަނޑުގެ ވީވީއަޕީ ރޫމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު އެވެ. އެމްއާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ނަޒީހް އެވެ.

ސޮއި ކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރު ޒުހޫރު ވިދާޅުވީ ސަރުކާރުގެ ފަރާތުން ގާއިމުކުރާ ސްޕޯޓްސް އެރީނާ ތަކުގެ ތެރެއިން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ސްޕޯޓްސް ކޮމްޕްލެކްސްތަކެއް އަޅައި ދޭނެ ކަމަށާއި، އެގޮތުން ގިނަ ރަށްތަކެއްގައި އަޅައިދިނުމަށް ހަމަޖެހިފައިވަނީ ފުޓްސަލް ދަނޑުތަކެއް ކަމަށެވެ.

"ސްޕޯޓްސް އެރީނާގެ ވަސީލަތްތަށް ގާއިމް ކުރަމުން މިދަނީ އެ ރަށެއްގައި ދިރުއުޅޭ އާބާދީއަށް ބަލާފަ، ޒުވާނުންނަށް ބޭނުންވާ ކުޅިވަރުތަކަށް އިސްކަންދީގެން، އެގޮތުން ފުޓްސަލް ދަނޑުތައް ގިނަވެގެން މިދަނީ އެންމެ ބޮޑަށް ޒުވާނުން ޑިމާންޑް ކުރަނީ ފުޓްބޯޅަ ކުޅެވޭނެ ވަސީލަތްތަކަށް ވުމުން." ޒުހޫރު ވިދާޅުވި އެވެ.

އެމްއާރުޑީސީއާ އެކު މިއަދު އެއްބަސްވުމުގައި ސޮއި ކުރިއިރު ޒުހޫރު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން މި އަަހަރު ނިމުމުގެ ކުރިން ހުރިހާ ފުޓްސަލް ދަނޑުތައް ނިންމުމަށް އެމްއާރުޑީސީގެ ފަރާތުން މަސަތްކަތް ކުރާނެ ކަމަށާއި ނަމަވެސް ބައެއް ދަނޑުތަށް އަންނަ އަހަރުގެ ކުރީ ކޮޅަށް ލަސްވެގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ނަޒީހުވެސް ވިދާޅުވީ، އެ ކުންފުނިން މަސަތްކަތް ކުރާނީ މިއަހަރު ތެރޭގައި ހުރިހާ ފުޓްސަލް ދަނޑުތަކެއް އަޅައި ނިންމަން ކަމަށާއި ނަމަވެސް ބައެއް ރައްރަށުގެ މަސަތްކަތް އަންނަ އަހަރަށް ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ވީ އެންމެ އަވަހަކަށް ހުރިހާ ދަނޑުތަކެއް ނިންމުން. މި ހަވާލުވި 67 ރަށަކީ ވެސް އެ ރަށްތަކާއި ކައިރީގައި އަޅުގަނޑުމެންގެ ސައިޓްތަށް ހުުރި ރައްތަށް. އެކަމުގެ ސަބަބުން މަސަތްކަތުގެ ސްޕީޑް ވެސް އަވަސް ވެގެން ދާނެ." ނަޒީހް ވިދާޅުވި އެވެ.

މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން އަޅާ 67 ފުޓްސަލް ދަނޑުތައް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ. އަދި އެ 67 ފުޓްސަލް ދަނޑު އަޅައި ނިމުމުން މިއަހަރު ތެރޭގައި 100 އަށް ވުރެން ގިނަ ފުޓްސަލް ދަނޑު ރާއްޖޭގެ އެކި ސަރަހައްދުގައި ގާއިމުވެގެން ދާނެކަމަށް ވެސް ޔޫތު މިނިސްޓްރީން ބުނެއެވެ.