25 Apr 2016, 20:27
އަލް އަޒްހަރު ސްކޮލާޝިޕަށް އެކަށީގެންވާ އަދަދަކަށް ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅާފައިނުވާތީ، އަލުން އެ ސްކޮލާޝިޕަށް ކުރިމަތިލުމަށް ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން (ޑީއެޗްއީ) އިން ހުޅުވާލައިފި އެވެ.
މިސްރުން ބެޗްލާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބޭއެ ސްކޮލާޝިޕުގެދަށުން 22 ފުރުސަތު ހުޅުވާލި އެވެ. އެއީ އެމްބީބީއެސް ހިމެނޭ ގޮތަށް ސައިންޓިފިކް ސްޓަޑީސް އިން 12 ފުރުސަތާއި ޤުރުއާން އެންޑް އެރަބިކް ލޭންގުއޭޖަށް ނުވަ ފުރުސަތެވެ.
އަޒްހަރު ޔުނިވާސިޓީގައި އަންހެން އަދި ފިރިހެން ދަރިވަރުންނަށް ކޯސްތައް ހިންގަނީ ވަކިންނެވެ. އެގޮތުން ފިރިހެން ދަރިވަރުންނަށް ހިންގާ ސައިންޓިފިކް ސްޓަޑީޒް އިން ހަތް ފެކަލްޓީ އަކުން ކޯސްތައް ހުޅުވާލައިފައިވާއިރު، ޤުރުއާން އެންޑް އަރަބިކް ރިލޭޑް ސްޓަޑީޒް އިން ކޯސްތައް ހުޅުވާލައިފައިވަނީ ނުވަ ފެކަލްޓީ އަކުންނެވެ.
އަންހެން ދަރިވަރުންނަށް ހިންގާ ސައިންޓިފިކް ސްޓަޑީޒް އިން ކޯސްތައް ހުޅުވާލައިފައިވަނީ، ފަސް ދާއިރާއަކުންނެވެ. އަދި ޤުރުއާން އެންޑް އަރަބިކް ރިލޭޓެޑް ސްޓަޑީޒް އިން ތިން ދާއިރާ އަކުން ވަނީ ކޯސްތައް ހުޅުވާލައިފައިވެ އެވެ.
އެ ސްކޮލާޝިޕްތަކަށް ކުރިމަތިލާ ދަރިވަރުންނަށް ކަނޑައަޅާފައިވާ ބައެއް ޝަރުތުތަކުގެ ތެރޭގައި، މިސްރު ސަރުކާރުގެ ސްކޮލާޝިޕެއްގައި މީގެ ކުރިން ކިޔަވާފައިވާ މީހަކަށް ވެގެން ނުވާނެ އެވެ. އަދި ކޯސްތަކަށް ހުށަހަޅާ ދަރިވަރަކީ އިއުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެ ކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެސް ވެގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.
އަޒްހަރުގެ ގަވާއިދުގައި ބުނާގޮތުން، އަޒްހަރުގައި އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު ދެ ކުދިން އަދި ދެމަފިރިން އެއްމުއްދަތެއްގެ ތެރޭގައި ކިޔެވުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.
ޑީއެޗްއީ އިން ބުނީ، އެ ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަށް ހުށަހެޅޭނީ އެންމެ އެޕްލިކޭޝަން ފޯމެއް ކަމަށާއި އެއް ކޯހަށްވުރެ ގިނަ ކޯހަށް އެޕްލިކޭޝަން ހުށަހަޅައިފިނަމަ އެޕްލިކޭޝަންތައް ބާތިލުވާނެ ކަމަށެވެ.
މީގެ އިތުރުން، ސްކޮލާޝިޕުގެ ދަށުން މަތީ ތައުލީމު ހާސިލްކުރުމަށް ފުރުސަތު ލިބޭ ދަރިވަރުން ކިޔަވައި ނިންމުމަށްފަހު، ރާއްޖެއަށް ހިދުމަތް ކުރުމަށް ބޮންޑުކުރެވޭއިރު، ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ބޮންޑުގެ ދަށުން ސަރުކާރަށް ހިދުމަތްކުރަން ވާނެ ކަމަށް ބުނެފައިވެ އެވެ.
މި ކޯސްތަކަށް ހުށަހަޅާ ފަރާތްތަކަކީ އޭލެވެލް ނުވަތަ ޝަހާދާ ޘަނަވިއްޔާ ނިންމުމަށްފަހު 10 ނޮވެމްބަރު 2016 އަށް ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށް ވެގެން ނުވާނެއެވެ. އަދި އެކެއް ނޮވެމްބަރަށް އުމުރުން 25 އަހަރު ވެގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.
ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ބުނީ، އެ ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ކަމަށެވެ.