25 Apr 2016, 20:30
ހުޅުލޭގައި ހުންނަ ބޮންޑެޑް ވެއާހައުސްގައި އަމިއްލަ ފަރާތްތަކުން ބަހައްޓާފައި ހުރި ކޮންޓޭނަރު ފަދަ ތަކެއްޗަށް ފައިސާ ދެއްކުމަށްފަހު، އެތަކެތި ގެންދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އަންގައިފި އެވެ.
ހުޅުލޭގެ ބޮންޑެޑް ވެއާހައުސް ހުންނަނީ، އިބްރަހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން، އާ ޕެސެންޖާ ޓާމިނަލް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގަ އެވެ.
އެހެންކަމުން، އެ ވެއާހައުސް މިދިޔަ މާޗު މަހު، ވަގުތީ ގޮތުން ހުޅުމާލެއަށް ވަނީ ބަދަލު ކޮށްފަ އެވެ.
އެމްއޭސީއެލްއިން މިދިޔަ ހަފްތާގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ބޮންޑެޑް ވެއާހައުސްތަކުގައި ކޮންޓޭނަރު ބަހައްޓާފައިވާ ފަރާތްތަކުން، އެމްއޭސީއެލްއަށް ދައްކަން ޖެހޭ، ނަމަވެސް ނުދައްކާ ހުރި ކުލީގެ ފައިސާއާއި ކަރަންޓު ބިލުތަކުގެ ފައިސާ ދެއްކުމަށް ފަހު އެތަކެތި ގެންދިއުމަށް އެދޭ ކަމަށެވެ.
އަދި މިތަކެތި ގެންގޮސް، މެއި މަހުގެ ހަތްވަނަ ދުވަހުގެ ކުރިން ބޮންޑެޑް ވެއާހައުސް ހުސްކުރުމަށް އެމްއޭސީއެލްއިން ވަނީ މުހުލަތެއް ދީފަ އެވެ.
އަދި އެ ދުވަހުގެ ނިޔަލަށް، ނުގެންގޮސް ހުރި ކޮންޓޭނަރުތައް ނައްތާލާނެ ކަމަށާއި، ނައްތައިލެވޭ ތަކެތީގެ ވެރިފަރާތަށް ލިބޭ ގެއްލުމަކަށް އެމްއޭސީއެލްއިން ބަދަލެއް ނުދޭނެ ކަމަށް ވެސް އެމްއޭސީއެލްއިން ބުނެފައި ވެ އެވެ.