25 Apr 2016, 19:39
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ، ބައިނަލްއަގުވާމީ ޑިޕާޗާ ޓާމިނަލުގައި ޑިއުޓީ ފްރީ ފިހާރައެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ޑިޕާޗާ ޓާމިނަލުގައި މޭ މަހުގެ ދެވަނަ ދުވަހުގެ ކުރިން މިކަމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓާ ކުރެވި، ބީލަންފޮތް އެފަރާތަކަށް އީމެއިލް ކުރެވޭނެ ކަމަށެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަނޑިއަކީ 18 މޭގެ 14:00 ގެ ކުރި ކަމަށާއި، އެ ދުވަހު ބީލަން ހުށަހެޅި ފަރާތްތަކުގެ ކުރިމަތީގައި ބީލަންތައް ހުޅުވާނެ ކަމަށެވެ.
އަދި، ފަންނީ ގޮތުންނާއި މާލީ ގޮތުން ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، އެމްއޭސީއެލްއަށް އެންމެ ފައިދާ ކުރާ ގޮތަކަށް ބީލަން ހުށަހެޅި ފަރާތަކަށް ބީލަން އެވޯޑު ކުރެވޭނެ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުގައި މިހާރު ވެސް ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ، ބައިނަލްއަގުވާމީ ބްރޭންޑުތަކުގެ މުދާ ވިއްކާ ޑިއުޓީ ފްރީ ފިހާރަތައް ހުރެ އެވެ.
އޭގެ ތެރޭގައި ޑިއޯރ، ޝެނޭލް، ކްލިނީކް، ލޯރެއާލް، ބޮޑީ ޝޮޕް، އެޗްޓޫއޯ، ލެންކޮމް އަދި އެލިޒަބެތު އާޑެން ފަދަ ބްރޭންޑުތަކުގެ ސެންޓާއި ކޮސްމެޓިކްސްއާއި، ސުވެނިއާގެ ގޮތުގައި ހުންނަ ދިވެހި އުފެއްދުންތަކާއި، ފާހަގަ ކޮށްލެވޭ ބްރޭންޑުތަކުގެ ޗޮކްލެޓާއި، ޓްރޮޕިކަލް ސްޕައިސްއާއި، ސައިފަތާއި ކޮފީ ފަދަ ބާވަތްތައް ވިއްކަން ހުންނަ ތަންތަން ހުރެ އެވެ.
އޭގެ އިތުރުން ދަ ކޮފީ ކްލަބް، ތައި އެކްސްޕްރެސް، ސްވެންސެންސް އަދި ބާގާ ކިންގް ފަދަ ބައިނަލްއަގްވާމީ ރެސްޓޮރަންޓް ޗެއިންތައް ވެސް އެތަނުގައި ހުރެ އެވެ.