07 May 2011, 12:22
ލ. ގަމުގައި މިދިއަ ބުރާސްފަތި ދުވަހުގެ ރޭ ކަނޑިއަކުން ޖަހައި އަތް ބުރި ކޮށްލި ޒުވާނާގެ ވާތުގެ ބައެއް އިގިލިތައް ހަރަކާތް ނުކުރާ ކަމަށް އައިޖީއެމްއެޗްއިން މިއަދު ބުނެފި އެވެ.
ކަނޑިއަކުން ހިންގި މާރާމާރީގައި ކަނާތުގެ އަތް ކިރިޔަ ކިރިޔާ ބުރިނުވެ އޮތް ގަމު މުކުރިމަގު ގޯލްޑަން ކްރޯން އަފުޒަލް އަލީ 20، ރޭ އިރާކޮޅުގެ ވަގުތެއްގައި މާލެ ގެނެސް އަންނަނީ އައިޖީއެމްއެޗުން ފަރުވާދެމުންނެވެ. ސީރިއަސް ޒަހަމްތަކެއް ކޮށްފައިވާ އެ ޒުވާނާޔާ ގުޅޭގޮތުން އައިޖީއެމްއެޗްގެ މީޑިޔާ ކޯޑިނޭޓާ ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ ވާތު އަތުގެ ކަށި އިނގިއްޔާއި މެދު އިނގިލީގެ ހަރަކާތެއް ނެތް ކަމަށެވެ. ކަނޑީގެ ހަމަލާގައި ކަނާތުއަތުގެ ކުޑަހުޅުން 10 އިންޗިއެއްހާތަން ކަފާލާފައިވާކަމަށް ވެސް ޒީނަތު ވިދާޅުވި އެވެ.
"ނަމަވެސް ޕޭޝަންޓުގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން. އަދި ޑޮކްޓަރުން ބޭރަށް ދާން އިރުޝާދެއް ނުދެއްވައި،" މިހާރު ވޯޑަށް ދޫކޮށްފައިވާ އަފުޒަލްގެ ހާލަތާއި ގުޅޭގޮތުން ޒީނަތު ވިދާޅުވި އެވެ.
ގަމު ޕޮލިސް ސްޓޭޝަން ކައިރީގައި ހުންނަ މޮރާޑޯ ފިހާރައިގެ ސޭޓަކަށް އިންދައި އެ ތަނުގެ ތެރެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ އަފުޒަލަށް ދިން އެ ހަމަލާގައި އޭނާގެ ދެ ކަންފަތްވެސް ވަރަށް ބޮޑަށް ޒަހަމްކޮށްލާއި އަދި ދެ އަތުގެވެސް ބަދަތައްވެސް ވަނީ ވަރަށް ބޮޑަށް ކަފާލާފަ އެވެ.
ގަމުގައި ޒުވާނަކަށް ހަމަލާދީ ޒަހަމްކޮށްލާފައި މިވަނީ އެ އަތޮޅު މާމެންދޫ ގައި ހުރި ޒުވާނަކަށް ހަމަލާދީ އޭނާގެ ކަނާތު ފައިގެ ކަކުލު ހުޅު ޒަހަމްކޮށްލިތާ ދެ ހަފުތާ ފަހުންނެވެ.