25 Apr 2016, 18:09
މި އަހަރުގެ މާރިޗު މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓު 0.53 ޕަސެންޓަށް ދަށްވެފައިވާ ކަމަށް، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މި އަހަރުގެ ފެބްރުއަރީ މަހު އިންފްލޭޝަން ރޭޓު 0.22 ޕަސެންޓު އިތުރުވެފައިވާ އިރު، މާރިޗު މަހު އިންފްލޭޝަން 0.53 ޕަސެންޓު ދަށަށް ދިއައީ ކާނާގެ ގިނަ ބާވަތްތަކަކާއި ތެލުގެ އަގު ދަށް ވުމުގެ ސަބަބުންނެވެ.
އެގޮތުން، މަހުގެ ބާވަތްތަކުގެ އަގު 4.98 ޕަސެންޓު ހެޔޮވެ، ތަރުކާރީގެ ބާވަތްތަކުން 5.30 ޕަސެންޓު ހެޔޮވެފައިވާ އިރު، ބިހާއި ކިރު އަދި ޗީޒް ފަދަ ޑެއިރީ ޕްރޮޑަކްޓްތަކުގެ އަގު 0.61 ޕަސެންޓަށް ހެޔޮވެފައި ވެ އެވެ. އަދި ކާނާގެ އެހެނިހެން ބާވަތްތަކުގެ އަގު 1.85 ޕަސެންޓު ހެޔޮ ވެފައި ވެ އެވެ.
މީގެ އިތުރުން، ކައްކާ ގޭހުގެ އަގު 2.99 ޕަސެންޓު ހެޔޮ ވެފައިވާ އިރު، ޕެޓްރޯލާއި ޑީސެލްގެ އަގު ވެސް ވަނީ 2.20 ޕަސެންޓު ހެޔޮ ވެފަ އެވެ.
މިދިޔަ މަހު އަގު ބޮޑުވެފައިވާ ބާވަތްތަކުގެ ތެރޭގައި ކުޅިވަރުގެ ސާމާނާއި، ގެދޮރު އިމާރާތް ކުރުމުގެ ސާމާނާއި ކުއްޔާއި، ގޭތެރޭގައި ހިފައި ގެންގުޅޭ ސާމާނުގެ އިތުރުން ސިއްހަތާއި ތައުލީމީ ދާއިރާގެ ޚިދުމަތްތަކާއި މުދާ ހިމެނެ އެވެ.
އެގޮތުން، އިމާރާތް ކުރުމުގެ ތަކެތީގެ އަގު 1.38 ޕަސެންޓަށް ބޮޑުވެފައިވާ އިރު، ގޭތެރޭގައި ގެންގުޅޭ ސާމާނުން 0.76 ޕަސެންޓު އަގު ބޮޑުވެފައި ވެ އެވެ. އަދި ގޭގެ ކުލީގެ އަގު 0.38 ޕަސެންޓަށް ބޮޑުވެފައި ވެ އެވެ. އޭގެ އިތުރުން ޕްރީސްކޫލާއި ޕްރައިމަރީ ތައުލީމުގެ އަގު 0.60 ޕަސެންޓު ބޮޑުވެފައިވާ އިރު، ސިއްހީ ދާއިރާއިން ބޭހުގެ އަގު 0.99 ޕަސެންޓަށް ބޮޑުވެފައި ވެ އެވެ. އަދި ކުޅިވަރާއި ސަގާފީ ކަންކަމުގެ ބައިގެ އަގުތައް 3.32 ޕަސެންޓަށް ބޮޑުވެފައިވާ އިރު މޭވާގެ އަގު ވެސް ވަނީ 0.52 ޕަސެންޓަށް ބޮޑުވެފަ އެވެ.