ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެދިނުމަށް އެދި ބަޔަކު އދ. މާމިގިލީ ކޯޓަށް ދިޔަ ކަމަށާއި ނަމަވެސް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް އެ ކޯޓުގެ އިސް މެޖިސްޓްރޭޓް ނިހާން ވިދާޅުވެފައިވާ ކަމަށް އޭނާގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ސުއޫދު ވިދާޅުވީ ފުލުހުންގެ ތަހުގީގަށް ނިހާން ދެއްވާފައިވާ ބަޔާނުގައި ވެސް އެ ވާހަކަ ކިޔައިދީފައިވާނެ ކަމަށެވެ.

ނިހާންގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާ އަށް ވެސް އޭނާ އިންކާރު ކުރައްވާ ސަބަބުތައް ސުއޫދު މިއަދު ވަނީ ކިޔައިދެއްވާފައެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ އަށް ނިހާން އިންކާރު ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރަހީނެއްގެ ގޮތުގައި ފޮރުވަން އޭނާ އުޅެފައި ނުވާތީ ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި ދައުލަތުން ހުށަހަޅާ ހެކިތަކަށް ބަލާއިރު އެފަދަ ކަމެއް ނިހާން ކުރިކަން އެނގޭނެ އެއްވެސް ހެއްކެއް ނެތް ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

އެ ދައުވާގެ އިތުރުން ނިހާންގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްޙަ ނޫން ގޮތެއްގައި ދެއްކުމުގެ ކުށުގެ ދައުވާ އެވެ.

ސުއޫދު ވިދާޅުވީ ގާނޫނު ހުއްދަ ނުކުރާ ކަމެއް ނިހާން ކޮށްފައި ނުވާނެކަމަށެވެ. ހަމައެހެންމެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ވެސް ނިހާން ބޭނުން ކުރައްވާފައި ނުވާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުން ނިންމާލާފައި ވަނީ ހެކި ހުށަހެޅުމަށް ދެ ފަރާތަށް ވެސް ދެން އޮންނަ އަޑުއެހުމެއްގައި ފުރުސަތު ދޭނެކަން އިއުލާން ކުރެއްވުމަށްފަހު އެވެ.

ރައީސް ޔާމީން ގާނޫނާ ޚިލާފައް ހައްޔަރުކުރާކަން ދެއްކުމަށްޓަކައި މާފުށީ ކޯޓުގެ ނަމުގައި ސައްޙަ ނޫން ކޯޓު އަމުރެއް މިދިޔަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރު 2:45 އެހާކަންހާއިރު ތައްޔާރު ކުރި ކަމަށް ބުނެ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ. އޭނާ ވެސް ވަނީ އެ ދައުވާ އަށް އިންކާރު ކުރައްވާފަ އެވެ.