25 Apr 2016, 18:48
ހުޅުމާލޭގައި ތަރައްގީ ކުރުމަށް ނިންމާފައިވާޓޫރިޒަމް ޑިސްޓްރިކްޓްއަށް ތައިލޭންޑުގެ ވިޔަފާރިވެރިން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ޓޫރިޒަމް ޑިސްޓްރިކްޓު ތަރައްގީ ކުރުމަށް ނިންމާފައި ވަނީ ހުޅުމާލޭގެ އުތުރުގަ އެވެ. ހުޅުމާލެއާ ޓޫރިޒަމް ޑިސްޓްރިކްޓް ގުޅުވައިދޭނީ ދެ މަގަކުން ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނުން ބުނެފައިވާ އިރު ޓޫރިޒަމް ޑިސްޓްރިކްޓް ތަރައްގީ ކުރަނީ ޒަމާނީ ފަތުރުވެރިންނަށް އަމާޒުކޮށްގެންނެވެ.
ޓޫރިޒަމް ޑިސްޓްރިކްޓްގައި 100 އާއި 500 ދެމެދު ކޮޓަރި ހިމެނޭ ގޮތަށް ހަތްބުރިއާއި 10 ބުރީގެ ހަ ހޮޓަލެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. މިކަމަށް 10،000 އާއި 30،000 އަކަފޫޓްގެ ބިންތަކެއް ކަނޑައަޅާފައި ވާއިރު ޓޫރިޒަމް ޑިސްޓްރިކްޓުގައި ސާވިސްޑް އެޕާޓްމަންޓް ހެދުމަށް 74 ބިން ދޫކުރަން ވަނީ ނިންމާފަ އެވެ. އެތަންތަނުގައި ފަސްބުރިއާއި 14 ބުރީގެ އިމާރާތްތައް އެޅުމަށް ނިންމާފައި ވާއިރު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ގާތްގަނޑަކަށް 3،600 ކޮޓަރި ހުންނާނެ ކަމަށް އެޗްޑީސީއިން ބުނެ އެވެ.
ރާއްޖޭގައި ރިސޯޓު ހިންގަމުން އަންނަ ހަތަރު ގްރޫޕަކުން ވަނީ ޓޫރިޒަމް ޑިސްޓްރިކްޓުގައި އެމީހުންގެ އިތުރު ހޮޓެލްތައް ތަރައްގީ ކުރުމަށް އެ މަޝްރޫއުއާ ގުޅޭ މައުލޫމާތު ހޯދައި އެ މަސައްކަތް ފަށާނެ ކަމަށް ބުނެފަ އެވެ.
ރާއްޖޭގައި މިހާރުވެސް ރިސޯޓު ހިންގަމުން އަންނަ ތައިލެންޑުގެ މައިނަރ ގްރޫޕް އާއި ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސް، ޑުސިތު އިންޓަނޭޝަނަލް އަދި އޮނިކްސް ހޮސްޕިޓަލިޓީ ގްރޫޕުގެ އިސްވެރިން ވަނީ މިހާރުވެސް ރާއްޖޭގައި އިތުރު ރިސޯޓުތަކެއް ތަރައްގީ ކުރުމަށް ހުރި ފުރުސަތުތައް ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.
އަދި ޓޫރިޒަމް ޑިސްޓްރިކްޓަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށާއި، ޓޫރިޒަމް ޑިސްޓްރިކްޓުގައި އިންވެސްޓު ކުރުމުގެ ޝައުގުވެރިކަން ހުރިކަން ވަނީ ފާޅުކޮށްފަ އެވެ.