07 May 2011, 11:39
ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީންތަކެއް ރާއްޖޭގައި އުޅެމުންދާ ކަމަށާއި އެމީހުން ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ފަށާ ޙާއްސަ އޮޕަރޭޝަނެއް އައްޑު އަތޮޅުން ފައްޓާ ގޮތަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ހަމަޖައްސައިފި އެވެ.
ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަމީން ފައިސަލް ސަން އަށް ދެއްވި އިންޓަވިއުއެއްގައި ބުރާސްފަތި ދުވަހު ވިދާޅުވީ އެ އޮޕަރޭޝަން ސާކް ސަމިޓްގެ ކުރިން އައްޑު އަތޮޅުގައި ފެށި، ނަމަވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެ އޮޕަރޭޝަން ހިންގާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އެ މަސައްކަތް ކުރުމަށްޓަކައި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާ (އެންއެސްއޭ) އިން ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
ހިއުމަން ރިސޯސް މިނިސްޓްރީ އާއި އިމިގްރޭޝަން ޑިޕާޓްމަންޓާއި އެންއެސްއޭ އަދި ފުލުހުން ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ އޮޕަރޭޝަނަށް ތައްޔާރުވުމުގެ މަސައްކަތްތައް މިހާރު ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގަވާއިދާ ހިލާފަށް 3000 އެއްހާ ބިދޭސީން އުޅެމުންދާ ކަމަށް މިބަލަނީ. މިވަގުތު ކުޑަކޮށް މަޑުޖެހިލައިގެން މިތިބީ އެމީހުން ބައިތިއްބުމަށް ހަމަޖައްސާފައިވާތަން މަރާމާތު ކުރަމުންދާތީ،" ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުން ގެންދާ ބިދޭސީން، ނުވަތަ އިލީގަލް އިމިގްރަންޓުންގެ ބޮޑު ޖަމާއަތެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދި އެކަމުގެ ނުރައްކާ އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން ރާއްޖެ އަށް ކުރާމުންދާ ކަމުގެ އިންޒާރު ކުރީގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އިލިޔާސް ހުސެއިން މި އަހަރުގެ ކުރީކޮޅު ވަނީ ސަރުކާރަށް ދެއްވައިފަ އެވެ.
އެފަދަ ބިދޭސީންގެ ސަބަބުން ރާއްޖެ އަށް ކުރަމުން އަންނަ ގެއްލުންތައް ފާހަގަކުރައްވައި އިލިޔާސް އަމީން ފައިސަލަށް ފޮނުއްވާފައިވާ އެ ސިޓީއަށް ހަވާލާދެއްވައި އަމީން ވިދާޅުވީ ހަމައެކަނި އައްޑު އަތޮޅުގައި ވެސް ދެހާހެއްހާ ބިދޭސީން ގަވާއިދާ ހިލާފަށް އުޅެމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެފަދަ ބިދޭސީން ތަފާތު ކުށްތައް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮންކަހަލަ ކުށެއް ކަމެއް ވިދާޅެއްނުވެ އެވެ.
ބިދޭސީން ރާއްޖެ އަންނަނީ ސައްހަ ޑޮކިއުމަންޓެއްގައި ކަމަށާއި ނަމަވެސް ރާއްޖެ އައިސް އެމީހުން އަމިއްލަ އަށް އެމީހުންގެ ޓްރެވަލް ޑޮކިއުމަންޓްތައް ބަދަލުކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ އެފަދަ ބިދޭސީން ހޯދުމުގެ މަސައްކަތް މީގެކުރިން ވެސް އެތައް ފަހަރެއްގެ މަތިން ސަރުކާރުން ވަނީ ކޮށްފަ އެވެ.
ހިއުމަން ރިސޯސް މިނިސްޓަރު ހަސަން ލަތީފު މިއަދު ވިދާޅުވީ މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ވެސް 15،000 ބިދޭސީން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އައިކަން ރެކޯޑްތަކުން ދައްކާ ކަމަށާއި އެކަމުގައި ވަރަށް ބޮޑު އިހުމާލެއްވާ ކަމަށެވެ. އަދި މިސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން 2009 ވަނަ އަހަރު އެފަދަ މީހުން އައިޑެންޓިފައިކުރުމަށް ކުރި މަސައްކަތުގެ ދަށުން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 16،000 މީހުން ހޯދައި، ރަޖިސްޓްރީކުރެވުނު ކަމަށް ވެސް ލަތީފު ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން 570 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލައި، ބައެއް މީހުން ލޭބަރުން ބޭނުންވާ ދިވެހިންގެ ނަމަށް ބަދަލުކޮށްދެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"މާލީ ދަތިތަކެއް ހުރުމުގެ ސަބަބުން އޭރު ބައެއް މީހުން ފޮނުވާނުލެވުނު. ނަމަވެސް މިފަހަރު ފަށާ ހާއްސަ އޮޕަރޭޝަންގެ ދަށުން ޕާސްޕޯޓްގައި ސައްހަ ވިސާ ނެތް މީހުން ޑީޕޯޓްކޮށް، ސައްހަ ޑޮކިއުމަންޓް އޮތް މީހުންނަށް އިތުރު ފުރުސަތުތަކެއް ދިނުމަށް ވަނީ ހަމަޖައްސާފައި." ލަތީފު ވިދާޅުވި އެވެ.