25 Apr 2016, 15:47
ކަސްޓަމްސް މުވައްޒަފުންނަށް ހާއްސަ ފިހާރައެއް ކަސްޓަމްސްގައި މިއަދު ހުޅުވައިފި އެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި "ވަން ފެމިލީ މާރޓް" ގެ ނަމުގައި އެ ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނެއިދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނެއިދު ވިދާޅުވީ، އެ ފިހާރައިގެ ބޭނުމަކީ ކަސްޓަމްސްއިން ވިޔަފާރި ކުރުން ނޫން ކަމަށާއި ނަމަވެސް ކަސްޓަމްސް މުވައްޒަފުންގެ ކަރާމަތާއި ނަޒާހަތްތެރިކަން އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން މުވައްޒަފުންގެ އާންމު ހާލަތު ރަނގަޅުކުރުމަށް މަގުފަހި ކުރުން ކަމަށެވެ.
ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން ހެދި އެ ފިހާރަ ގާއިމްކޮށްފައި ވަނީ ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީ އާއި ކަސްޓަމްސް ރިކްރިއޭޝަން ކްލަބުގެ ރައުސުލްމާލުންނެވެ.
އޭގެ އިތުރުން ކަސްޓަމްސް މުވައްޒަފުންގެ ވެލްފެއާގެ ކަންތައް ހަރުދަނާ ކުރުމަށް ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން ތަފާތު ހަރަކާތްތައް ހިންގުމަށް ވެސް ރޭވިފައިވާ ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެ އެވެ.
އެ ހަފްލާގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހީމް ޝަރީފް މުހައްމަދުގެ އިތުރުން ކަސްޓަމްސް އާއި ކޯޕަރޭޓިވް ސޮސައިޓީގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.