ވޮޝިންޓަން (އޭޕްރިލް 25): ސީރިއާ ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިނުވާ އިތުރު 250 އަސްކަރީ ފައުޖު ސީރިއާއަށް ފޮނުވާނެ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ޖަރުމަނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ވާހަކަފުޅު ދައްކަވަމުން އޮބާމާ ވިދާޅުވީ އެފައުޖުތައް ފޮނުވަނީ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ހަނގުރާމަ ކުރާ ސީރިއާގެ ހަނގުރާމަވެރިން ތަމްރީނު ކުރުމަށް ކަމަށެވެ. އާ ފައުޖުތައް ފޮނުވުމުން ސީރިއާގައި ތިބި އެމެރިކާގެ ފައުޖުތަކުގެ އަދަދު 300 އަށް އަަރާނެ އެވެ.

"އެ ޓެރަރިސްޓުންނަށް ވެސް ދަސްވާނީ ކުރީގެ ޓެރަރިސްޓުންނަށް ދަސްވި ކަންތައްތައް. އެއީ އެ މީހުންގެ ރުޅިވެރިކަމަކީ ދިފާއީ ގޮތުން ގުޅިފައިވާ ގައުމުތަކާ އަޅާ ކިޔޭ އެއްޗެއް ނޫން ކަން،" އޮބާމާ ވިދާޅުވި އެވެ.

ޖަރުމަނުގައި ހުންނަވައިގެން އޮބާމާ ވަނީ އިނގިރޭސިވިލާތާއި، ޖަރުމަނާއި، ފްރާންސާއި އިޓަލީގެ ލީޑަރުންނާ ބައްދަލު ކުރައްވައި އެ ގައުމުތަކުގެ ހާރިޖީ ސިޔާސަތާ ބެހޭ މައްސަލަތަކާއި ސީރިއާ ހަނގުރާމައާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

އޮބާމާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޖަރުމަނުގެ ޗާންސެލަރު، އެންޖެލާ މާކެލް ވެސް ވަނީ ސީރިއާގެ ހާލަތާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. މާކެލް ވަނީ ސީރިއާގައި ހަނގުރާމަ ކުރާ ފަރާތްތަކުން، ހަނގުރާމައިގެ ރެފިއުޖީންނަށް ހާއްސަ، ރައްކާތެރި ސަރަހައްދުތައް އައްޔަން ކުރުމަށް ގޮވާލައްވާފަ އެވެ.

އާދިއްތަ ދުވަހު އޮބާމާ ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވަނީ ސީރިއާގައި ހަނގުރާމަ ކުރުމަށް އެއްގަމު ސިފައިން ފޮނުވުމަކީ ރަނގަޅު ކަމަކަށް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، ސީރިއާގެ ސަރަހައްދުތައް ހިސާރުކޮށްފައިވާ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންނަށް އެމެރިކާ އިސްވެ އޮންނަ ކޯލިޝަނުން ހަމަލާ ދެމުން ގެންދާނެ ކަމަށް އޮބާމާ ވިދާޅުވި އެވެ. (ބީބީސީ)