ހަތިޔާރާއި ގޮވާތަކެތި ވަކިކޮށް ދެނެގަންނާނެ ގޮތުގެ ތަމްރީން ޕްރޮގްރާމެއް ކަސްޓަމްސް އިން ފަށައިފި އެވެ.

ކަސްޓަމްސް އިން ބުނީ، "ޓްރެއިނިންގ އޮން އައިޑެންޓިފިކޭޝަން އޮފް އާމްސް އެންޑް އެމިއުނިޝަންސް" ގެ ނަމުގައި މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާނެ އެ ތަމްރީނު ޕްރޮގްރާމުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ކަސްޓަމްސްގެ 20 އޮފިސަރަކު ބައިވެރިވާ ކަމަށެވެ.

ކަސްޓަމްސް އެކަޑަމީގައި މިއަދު ފެށި،ހަތިޔާރާއި ގޮވާތަކެތި ދެނެގަންނާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމުގެ ތެރެއިން --- ފޮޓޯ/ ކަސްޓަމްސް

ކަސްޓަމްސް ގެ ސީނިއާ ސުޕްރިންޓެންޑެންޓް އަހުމަދު ނިޔާޒު ވިދާޅުވީ، އެ ޕްރޮގްރާމުގެ މަގްސަދަކީ ކަސްޓަމްސް އަކީ ރާއްޖެއަށް ތަކެތި އެތެރެކޮށް އަދި ބޭރު ކުރުމުގެ ދޮރާށީގައި ތިބޭ ބަޔަކަށްވާތީ، ކަސްޓަމްސް އޮފިސަރުންނަކީ ހަތިޔާރު ފަދަ ތަކެއްޗަށް ހޭލުންތެރި ބަޔަކަށް ހެދުން ކަމަށެވެ.

އެގޮތުން، މިއަދު ފެށި ޕްރޮގްރާމަކީ ކޮންމެ ހަ މަހަކުން ކަހަލަ ގޮތަކަށް އެމްއެންޑީއެފް އާ ގުޅިގެން ހިންގަމުން އަންނަ ޕްރޮގްރާމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކަސްޓަމްސް އެކަޑަމީގައި މިއަދު ފެށި،ހަތިޔާރާއި ގޮވާތަކެތި ދެނެގަންނާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމުގެ ތެރެއިން --- ފޮޓޯ/ ކަސްޓަމްސް

އެ ޕްރޮގްރާމުގައި މައުލޫމާތު ދެއްވަނީ، އެމްއެންޑީއެފްގެ އޮފިޝަލުންނެވެ.

ޕްރޮގްރާމް ފައްޓަވައިދެއްވުމުގެ ގޮތުން ކަސްޓަމްސް އެކަޑަމީގެ ހެޑް، ސީނިއާ ސްޕްރިންޓެންޑެންޓް ޝަހީދާ މަންސޫރު ދެއްކެވި ވާހަކަފުޅުގައި، މިއަދު ފެށި ތަމްރީނު ޕްރޮގްރާމުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށާއި ޕްރޮގްރާމުން ދަސްވާ އެއްޗެއް މަސައްކަތުގެ މާހައުލުގައި އެކަށީގެންވާ ގޮތުގައި ބޭނުންކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ބައިވެރިންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.