25 Apr 2016, 15:11
ބޭންކް އޮފް މޯލްޑިވްސް އަށް މިދިއަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި ކުންފުންޏަށް ލިބުނު ސާފު ފައިދާ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 136 ޕަސަންޓް އިތުރުވެފައިވާ ކަމަށް ބީއެމްއެލްގެ މިދިއަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކައިފި އެވެ.
ބީއެމްއެލް އިން މިއަދު އާންމު ކުރި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުން، އާމްދަނީ އިން ޓެކްސްއަށްވާ އަދަދު ކެނޑުމުގެ ކުރިން އެ ބޭންކުގެ ފައިދާ 932 މިލިއަނަށް އަރާ ކަމަށެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާ އިރު 29 ޕަސަންޓުގެ ކުރި އެރުމެކެވެ.
ޓެކްސް އާއި އުފެއްދުންތެރި ނޫން ލޯނުތަކަށް ހަދަންޖެހޭ ޕްރޮވިޝަން އަދި ދައްކަންޖެހި، ނުދައްކާ ހުރި ލޯނުގެ ފައިސާ ކެނޑުމަށް ފަހު މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 679 މިލިއަން ރުފިޔާ ބޭންކް އޮފް މޯލްޑިވްސްއަށް ލިބިފައި ވެ އެވެ. އެއީ 2014 ވަނަ އަހަރު ލިބުނު 287 މިލިޔަން ރުފިޔާގެ ފައިދާއާ އަޅާ ބަލާއިރު، 136 ޕަސަންޓުގެ ކުރިއެރުމެކެވެ.
މި ފައިދާއާ އެކު، ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައި ވަނީ، ހިއްސާގެ ފައިދާގެ ގޮތުގައި 91.4 މިލިޔަން ރުފިޔާ ބެހުމަށް ހުށަހަޅައިފަ އެވެ. އެއީ ހިއްސާއަކަށް 17 ރުފިޔާ އެވެ. ބީއެމްއެލްއިން ބުނާ ގޮތުގައި މިއީ ހިއްސާގެ ގޮތުގައި ބެހުމަށް ރިކޯޑު އަދަދެއް ޖެހި ޖެހިގެން ހުށަހަޅާން ޖެހުނު ތިން ވަނަ ފަހަރެވެ.
ބީއެމްއެލްއިން ބުނީ، އެ ބޭންކަށް މިދިޔަ އަހަރު ޖަމާ ކުރި ފައިސާ 14.1 ބިލިޔަން ރުފިޔާއަށް އަރާ ކަމަށާއި އެއީ 16 ޕަސަންޓުގެ ކުރިއެރުމެއް ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، މިދިޔަ އަހަރަކީ ބީއެމްއެލްއަށް ރަނގަޅު، ކާމިޔާބު އަހަރެއް ކަމަށެވެ.
"މާލީ ގޮތުން ރަނގަޅުވިއިރު ބޭންކުން ކުރި އިންވެސްޓްމަންޓާއި ރައްޔިތުންނަށް ބޭންކުން ފޯރުކޮށްދެވުނު މާލީ އެހީތެރިކަންވެސް މި ފާހަގަކުރަނީ ހަމަ އެހާ މުހިންމު ކަމެއްގެ ގޮތުގައި. ރަނގަޅު ޕްލޭނެއް ހެދި އެ ޕްލޭން ގައި ހިމެނޭ ކަންތައްތައް މިދަނީ ހާސިލްކުރަމުން،" ހީލީ ވިދާޅުވި އެވެ.