25 Apr 2016, 13:42
ވޮޝިންޓަން (އޭޕްރިލް 24): އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވާ ބިލިއަނަރު، ޑޮނަލްޑް ޓުރަމްޕާ ދެކޮޅަށް ޕާޓީގެ އަނެއް ދެކެނޑިޑޭޓުން ކަމަށްވާ އޮހައޯގެ ގަވަރުނަރު ޖޯން ކޭސިކް އާއި ޓެކްސަސްގެ ސެނެޓަރު ޓެޑް ކްރޫޒް އެއްބައިވެ ވަޑައިގެންފި އެވެ.
ކްރޫޒް އާއި ކޭސިކް ވަނީ ކެމްޕެއިން ކުރައްވާ ސްޓޭޓްތައް ދެބޭފުޅުންނަށް ބަހާލަން ނިންމަވަވައިފަ އެވެ. އެގޮތުން ކޭސިކް ބޮޑަށް ކެމްޕެއިން ކުރައްވާނީ އޮރެގަން އާއި ނިއު މެކްސިކޯގަ އެވެ. އަދި ކްރޫޒް ބޮޑަށް ކެމްޕެއިން ކުރައްވާނީ އިންޑިއާނާގަ އެވެ.
ކްރޫޒް އާއި ކޭސިކްގެ ނިންމެވުމާ ގުޅިގެން ޓުރަމްޕް ވަނީ އެއީ "އޭނާގެ މައްޗަށް ކުރި ހޯދާނެ އިތުރު ގޮތެއް ނެތިގެން" އެ ދެ ބޭފުޅުން ނިންމެވި ނިންމެވުމެއް ކަމަށް ވިދާޅުވެފަ އެވެ. ރިޕަބްލިކަން ޕްރައިމަރީގެ އެންމެ ކުރީގައި އުޅުއްވަނީ ޓުރަމްޕެވެ. ނަމަވެސް ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓަކަށް ވުމަށް ބޭނުންވާ 1،237 ޑެލިގޭޓުން ޓްރަމްޕަށް ކާމިޔާބު ނުކުރެއްވުމަކީ އެކަށީގެންވާ ކަމެކެވެ.
ރިޕަބްލިކަން ޕާޓީގެ އެއްވެސް ކެނޑިޑޭޓަކަށް އެ އަދަދަށް ޑެލިގޭޓުން ކާމިޔާބު ނުކުރެވިއްޖެ ނަމަ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ހޮވާނީ އެ ޕާޓީން ތަފާތު ސްޓޭޓުތަކަށް ހޮވާފައިވާ ޑެލިގޭޓުންނެވެ. (ބީބީސީ)