25 Apr 2016, 13:11
ސަރުކާރަށާއި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށް "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އުފެއްދުމަށް ދީނީ އެއްބައިވަންތަކަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ސަރުކާރުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދީނީ އެއްބައިވަންތަކަން ދިވެހިންގެ މެދުގައި ގާއިމުކުރުމުގެ ގޮތުން، ދީނީ ގޮތުން ދިމާވާ ގޮންޖެހުންތަކާއި ރައްޔިތުންގެ މެދުގައި ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ މައްސަލަތައް، ގައުމީ ފެންވަރުގައި ހައްލުކުރުމަށާއި އަދި އިސްލާމީ ފިގުހީ އާ މައްސަލަތައް ދިރާސާކޮށް އެކަންކަމާ ގުޅޭ ދީނީ ލަފާ އެކަށީގެންވާ ހަލުވިކަމާއި ހަރުދަނާކަމާ އެކު ފޯރުކޮށްދިނުމަށް މަޖިލީހެއް އުފައްދައި، އެ މަޖިލީހުގެ ގާނޫނީ ދައުރު ބަޔާންކޮށްދިނުމެވެ.
ސަރުކާރުގެ ފަރާތުން ދީނީ އެއްބައިވަންތަކަމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމް އެވެ. އެ ބިލުގައި ބުނެފައިވާ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. ބިލުގައި ބުނެފައިވާ ގޮތުން އެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
އެ މަޖިލިސް އެކުލަވާލައް ވާނީ އިސްލާމިކް މިނިސްޓަރުގެ ލަފާގެ މަތިން ހޮއްވަވާ މެމްބަރަކާއި އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން އައްޔަން ކުރާ ފަނޑިޔާރަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ދެ މެމްބަރަކާއި ގައުމީ ޔުނިވާސިޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެމްބަރެކެވެ.
އެ ބިލުގައި ބުނެފައިވާ ގޮތުން ދިވެހިންގެ މެދުގައި އުފެދޭ ދީނީ ހިޔާލުތަފާތުވުންތައް ނައްތާލައި މުޖުތަމައުގެ މަސްލަހަތު ހިމެނޭ ދީނުގެ އެކިއެކި މައްސަލަތަކުގައި ހިޔާލު ހޯދައި މަޝްވަރާ ކުރުމަށް ދީނީ އިލްމުވެރިންގެ މަހާސިންތާތައް ބާއްވަންވާނެ ކަމަށެވެ.
ދީނީ ފަތުވާދޭ މަޖިލީހުގެ ލަފައަށް އެދުމުގައި އަމަލު ކުރަންވީ ގޮތާއި ޝާއިއުކުރާ ފަތުވާތަކުގައި ފުރިހަމަވާން ޖެހޭ ސިފަތަކާއި ޝަރުތުތައް ބަޔާންކޮށް، މަޖިލީހުގެ އިދާރީ ކަންކަން ހިންގައި ރާވާނެ ގޮތް ބަޔާން ކުރާ ގަވާއިދުތައް ހަދަން ޖެހޭނީ އެ ގާނޫނަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ކަމަށް ބިލުގައި ބުނެފައިވެ އެވެ.
ރައީސް އެ ބިލު ތަސްދީގު ކުރެއްވުމާ އެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއުކޮށްފަ އެވެ.
އިސްލާމީ ފަތުވާދޭ މަޖިލީހެއް އުފެއްދުމަށް ދީނީ އެއްބައިވަންތަ ކަމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގު ކުރައްވާފައިވާ އިރު ދީނީ ކަންކަމުގައި ފަތުވާ ދިނުމަށް ފިގުހު އެކަޑަމީއެއް އޮވެ އެވެ. ފިގުހު އެކަޑަމީއަކީ އިސްލާމިކް މިނިސްޓްރީގެ މެންޑޭޓުގެ ދަށުން ދީނީ އިލްމުވެރިން ހިމެނޭ ގޮތަށް އުފައްދާފައިވާ އެކަޑަމީއެކެވެ. އެ އެކަޑަމީގެ މަސައްކަތް ކުރިއަށް ގެންދެ އެވެ. އެންމެފަހުން އެ އެކަޑަމީން ނިންމި މައްސަލައެއް އާންމުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އެވެ.