މިއަދު ދުބާއީގައި ފެށި އެރޭބިއަން ޓްރެވަލް މާކެޓުގައި ރާއްޖެ އިން ބައިވެރިވެއްޖެ އެވެ.

ދުނިޔޭގެ 86 ގައުމުން ބައިވެރިވެ، ބުރާސްފަތި ދުވަހާ ހަމައަށް ކުރިޔަށް ދާ މި ފެއާ ފަށާފައި ވަނީ ދުބާއީގެ އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގަ އެވެ. ފެއާ ހުޅުއްވައިދެއްވީ ދުބާއީގެ ވަލީއަހުދު ޝައިޚް ހަމްދާން ބިން މުހައްމަދު އަލް މަކްތޫމެވެ.

ރާއްޖޭގެ ފަރާތުން މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަނުން މި ފެއާގައި ބައިވެރިވާ އިރު، އެމްއެމްޕީއާރުސީއާ އެކު ރާއްޖޭގެ 52 ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނާއި ހޮޓެލް ޕާޓްމަރުން އެ ފެއާގައި ބައިވެރިވެ އެވެ.

އޭގެ ތެރޭގައި ސަން ސިޔާމް ރިސޯޓްސް، ޕާ އެކުއަމް ހޮޓެލްސް އެންޑް ރިސޯޓްސް، ހައިޑަވޭ ބީޗު މޯލްޑިވްސް، ޖުމޭރާ ވިއްޓަވެލި އަދި އަމާރީ ހަވޮއްޑާ ފަދަ ރިސޯޓުތަކާއި ރިސޯޓު ގްރޫޕުތައް ހިމެނެ އެވެ.

"ޓްރޭޑް އެރޭބިއާ"އަށް ދެއްވި އިންޓަވިއުއެއްގައި ރާޢްޖޭގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އާއިލާ ގޮވައިގެން ޗުއްޓީ ހޭދަކޮށްލުމަށް އާދެވޭނެ މަންޒިލެއްގެ ގޮތުގައި އަރަބި ގައުމުތަކާ ހުޅަނގު އޭޝިއާގެ ގައުމުތަކަށް ރާއްޖެ ޕްރޮމޯޓު ކުރުމަށް މި ފެއާއަކީ ރަނގަޅު ޕްލެޓުފޯމެއް ކަމަށެވެ.

"އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް ޗުއްޓީ ހޭދަކުރުމަށް އާދެވޭނެ އެންމެ ރަނގަޅު އެއް މަންޒިލު ރާއްޖެއަކީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ރާއްޖެ އިން ދަނީ ފަތުރުވެރިކަން ތަރައްގީ ކުރުމަށް ޓަކައި، ރާއްޖޭގެ އިންފްރާސްޓްރަކްޗާ ރަނގަޅު ކުރަމުން ކަމަށެވެ. އެގޮތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫއު ކުރިޔަށް ދާ ކަމަށާއި ރާއްޖޭގެ ރިސޯޓުތަކުގެ ބެޑް ކެޕޭސިޓީ ވެސް އިތުރު ކުރުމަށް އިތުރު އިންވެސްޓްމެންޓުތައް ހޯދަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ ޓޫރިޒަމަކީ ތިމާވެއްޓާ ރަހުމަތްތެރި މަސައްކަތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް ވެސް މިނިސްޓަރު އަޅުއްވައިލެއްވި އެވެ.

"ދެމެހެެއްޓެނެވި ގޮތުގައި، އިޔާދަކުރުވަނިވި ހަކަތަ ބޭނުންކުރާ ފަތުރުވެރިކަމެއް ކުރުމަށް ރާއްޖެ އިން އިސްކަން ދޭ. 'ގްރީން ރިސޯޓު އެވޯޑު' އަނެއްކާ ވެސް ދަނީ ދެމުން، ތިމާވެއްޓާ ރަހުމަތްތެރި ގޮތެއްގައި ފަތުރުވެރިކަމުގެ ޚިދުމަތްތައް ދިނުމަށް ހިތްވަރު ދިނުމަށްޓަކައި،" މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

މެދު އިރުމައްޗަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓު ޝެއާގެ 3.4 ޕަސަންޓު ހިއްސާ ކުރާ ސަރަހައްދެވެ. މިދިޔަ އަހަރު މެދު އިރުމަތިން ރާއްޖެއަށް 41،976 ފަތުރުވެރިއަކު ރާއްޖެ އައިސްފައިވާ އިރު، މިއީ 2014 ވަނަ އަހަރާ އަޅާ ބަލާއިރު 12.8 ޕަސަންޓުގެ ކުރިއެރުމެކެވެ.