ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަނުން ހޮވާ އިނގިރޭސި ޕްރިމިއާ ލީގްގެ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑް ލެސްޓާ ސިޓީއަށް ކުޅެމުން އަންނަ އަލްޖީރިއާގެ ފޯވާޑް ރިޔާދް މާރޭޒް އަށް ލިބިއްޖެ އެވެ.

މޮޅު ކުޅުންތެރިއާގެ އެވޯޑް މާރޭޒް އަށް ލިބުނު އިރު އޭނާ ވަނީ ރޭ ލެސްޓާ ސިޓީން ސެވެންސަ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބު ކޮށްދީފަ އެވެ. އަދި އެ މެޗަށް ފަހު ރޭ ލަންޑަން ގެ ގުރޮސްވެނާ ހޮޓަލްގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ވަނީ ބައިވެރިވެ މޮޅު ކުޅުންތެރިއާގެ އެ ވޯޑް އުފުލާލާފަ އެވެ.

ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް މާރޭޒް ހޮވުނީ ލެސްޓާ ސިޓީގެ އިނގިރޭސި ފޯވަޑް ޖެމީ ވާޑީ އާއި، އެ ޓީމުގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭ އަދި ޓޮޓެންހަމް ހޮޓްސްޕާގެ އިނގިރޭސި ފޯވަޑް ހެރީ ކޭންއާ ވާދަކޮށްގެންނެވެ. ވާޑީއަށް ދެވަނަ މަގާމަށް ހޮވުނު އިރު، ތިން ވަނަ މަގާމަށް ހޮވުނީ ކޭން އެވެ.

ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަނުން ހޮވާ އިނގިރޭސި ޕްރިމިއާ ލީގްގެ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑާއި އެކު މާރޭޒް ---

ލެސްޓާ ސިޓީގެ ތާރީހުގައި އެ ޓީމުން ފުރަތަމަ ފަހަރަށް އިނގިރޭސި ލީގް ކާމިޔާބު ކުރުމަށް ތައްޔާރު ވަމުން އަންނައިރު އެ ޓީމް ލީގްގެ އެއްވަނަ އަށް އެރުމުގައި މާރޭޒްގެ ހިއްސާ ވަރަށް ބޮޑެވެ. އެގޮތުން މިސީޒަނުގައި 34 މެޗުގައި އޭނާ ވަނީ 17 ގޯލު ކާމިޔާބުކޮށް 11 ގޯލު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ.

އެވޯޑާ ހަވާލުމަށް ފަހު މާރޭޒް ބުނީ، ކުޅުންތެރިން އޭނާ އަށް ވޯޓުދިނީ އޭނާގެ ކުޅުން ރަނގަޅު ކަމަށް ގަބޫލުކުރާތީ ކަމަށާއި އެކަމާމެދު ވަރަށް އުފާކުރާ ކަމަށެވެ.

"އަހަރެންގެ ޓީމާ ނުލައި، މި އެވޯޑް ނުލިބުނީސް. އަހަރެމެން އުޅެނީ އެއް އާއިލާއެއްގެ ގޮތުގައި. އަހަރެމެންގެ ވަރުގަދަކަމަކީ ވެސް އެއީ. އަދި ކާމިޔާބަކީ ޓީމެއްގެ ގޮތުގައި މަސައްކަތްކުރުން،" މާރޭޒް ބުންޏެވެ.

މާރޭޒްއަށް ލިބުނު ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާ އެކު އޭނާ ވެފައި ވަނީ އެ އެވޯޑް ހާސިލްކުރި ލެސްޓާގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. އަދި އެ އެވޯޑް ހޯދި ފުރަތަމަ އެފްރިކާ އަށް ނިސްބަތްވާ ކުޅުންތެރިޔާ އަށް ވެސް އޭނާ ވަނީ ވެފަ އެވެ.

ރޭގެ އެ ރަސްމިއްޔާތުގައި ހޮވި އެހެން މަގާމުތަކަށް ބަލާ އިރު އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ އެވޯޑް ލިބުނީ ޓޮޓެންހަމަށް ކުޅޭ އުމުރުން 20 އަހަރުގެ އިނގިރޭސި މިޑްފީލްޑަރު ޑެލި އަލީ އެވެ.

މީގެ އިތުރުން ފުޓްބޯޅަ އަށް އެންމެ ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްދީފައިވާ ފަރާތެއްގެ ގޮތުގައި މެންޗަސްޓާ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިއާ އަދި މިހާރުގެ އެޓީމުގެ އެސިސްޓެންޓް ކޯޗު ރަޔަން ގިގްސް އަށް ވެސް ވަނީ ހާއްސަ އެވޯޑެއް ދީފަ އެވެ.