07 May 2011, 11:25
ޑޮލަރުގެ އަގު މަތިވުމުން ޑޮލަރުން މުސާރަ ލިބޭ މީހުންނަށް ބޮޑު ފައިދާއެއް ވާނެކަމަށް ބައެއް ފަރާތްތަކުން ހީކުރެ އެވެ. އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވެސް ދެކެވަޑައިގަންނަވަނީ އެހެންނެވެ.
"ޑޮލަރު ރޭޓް މަތިވުމުން އަހަރެމެންނަށް ލިބޭ ސާވިސް ޗާޖަށް ބޮޑު އަދަދެއް އިތުރުވި، އެކަމަކު އޭގެ ސަބަބުން ދިރިއުޅުމަށް ކޮން ބަދަލެއްތޯ އަންނާނީ؟ ތަކެތީގެ އަގުން މިހިރީ އެއަށް ވުރެ މާ ބޮޑުތަން އިތުރުވެފައި،" ރިޒޯޓެއްގެ ރަނގަޅު ވަޒީފާއެއްގައި އުޅޭ މުހައްމަދު ނާސިރު ބުންޏެވެ.
ނާސިރު ބުނި ގޮތުގައި ޑޮލަރަކުން ބޮޑުވީ 2.57.ރ އެވެ. ނަމަވެސް ބައެއް ތަކެތީގެ އަގަށް 10 ރުފިޔާ އިން ފެށިގެން ގޮސް 100 ރުފިޔާއާ ހަމަ އަށް ވަނީ އިތުރުވެފަ އެވެ. އެހެން ކަމުން ލިބޭ އާމްދަނީ އާއި ކުރަން ޖެހޭ ހަރަދު އަޅާ ކިޔާލުމުން ކުރިއެކޭ އެއްވަރު ވުމަށް ވުރެ ވެސް އުޅެނީ ތަންކޮޅެއް ފަހަތުގައި ކަމަށް އޭނާ ބުންޏެވެ.
ސާވިސް ޗާޖުގެ އިތުރުން މުސާރަ ވެސް ޑޮރުން ލިބޭ އަހުމަދު ވިޝާމް ބުނީ އަދި މުޅިން ތަފާތު ވާހަކަ އެކެވެ.
އޭނާ ބުނީ އޭނާ އަށް ސާވިސް ޗާޖްގެ ގޮތުގައި ފާއިތުވެ ދިޔަ ތިން މަހު ވެސް ކޮންމެ މަހަކު 800 ޑޮލަރަށް ވުރެ ގިނައިން ލިބިފައިވާ ކަމަށެވެ. އަދި 800 ޑޮލަރަށް ކުރިން ލިބުނީ 10280 ރުފިޔާ ކަމަށް ވިޔަސް ޑޮލަރު ރޭޓް މަތިކުރުމުން 12336.ރ ލިބުނު ކަމަށެވެ. އެހެން ވީމާ 2056 ރުފިޔާ އިތުރުވި ކަމަށެވެ.
އާމްދަނީ އަށް 2056.ރ އިތުރު ވުމުން ދިރިއުޅުމަށް ކުރިއެރުން އައިތޯ އަހާލުމުން އޭނާ ކައިރިއަށް އައީ ރުޅި އެވެ.
"ކޯންޗެއްތަ އިތުރު ވާނީ! ކުރިން އަހަރެން އަހަރެންގެ ދަރިފުޅަށް ނެޕީ ބޮނޑިއެއް ގަންނަނީ 600 ރުފިޔާ އަށް، މިހާރު ގަންނަނީ 720.ރ އަށް. ދެން ވިސްނާ އަހަރެންނަށް އެއްޗެއް އިތުރުވާނެތޯ ނޫނީ ނުވާނެތޯ،" ވިޝާމް ބުންޏެވެ.
އޭނާ ބުނީ ކުރިން އޭނާގެ އަންހެނުންނަށާއި ދަރިފުޅުގެ ހަރަދަށް މަހަކު ފޮނުވަނީ 2500.ރ ނޫނީ 3500.ރ ކަމަށެވެ. އަދި މާލެއިން ގަނެފައި ފޮނުވާ ތަކެއްޗާ އެކު އާއިލާއަށް ހަރަދުވަނީ ގާތްގަނޑަކަށް 5000.ރ ކަމަށެވެ. ނަމަވެސް މި މަހު އޭނާ މާލެއިން ގަތް ތަކެއްޗަށް އެކަނި ވެސް 5000ރ. ހަރަދުވި ކަމަށް އޭނާ ބުންޏެވެ. އެއީ ޒަރޫރީ ބޭނުންތަކަށް ކުރަން ޖެހުނު ހަރަދުތައް ކަމަށް ވެސް އޭނާ ބުންޏެވެ.
"ރަށަށް 2500.ރ ފޮނުވިތާ ދެ ދުވަހެއް ފަހުން އަންހެނުން ގުޅާފައި ބުނި މިފަހަރު ހިއެއް ނުވެއޭ މިވަރުން ހަމަޖެހޭނެ ހެނެއް، މިހާރު ރަށު ފިހާރަތަކުން ތަކެތީގެ އަގަށް 10.ރ އިން 20.ރ އިން އިތުރުކޮށްފިއޭ،" ތަކެތީގެ އިންފްލޭޝަނަށް އައި ބަދަލު އަހުމަދު ކިޔައިދިނެވެ.
އިއްޔެ ސުނާމީ ބިނާ ސަރަހައްދުގައި އެމްޑީޕީން މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުން ޑޮލަރުގެ ރޭޓް މަތިވުމުން ފައިދާ ވާނެ އަނެއް ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ ރާއްޖޭގެ މަސްވެރިންނެވެ. ރައީސް ވިދާޅުވީ މިއިން ޒަމާނެއްގައި މަސް ކިލޯ އަކަށް ނުލިބޭ އަގު މިހާރު ލިބޭ ކަމަށާއި މިހާރު މަސް ކިލޯ އަކަށް 16ރ. ލިބޭ ކަމަށެވެ. އެއީ ރަނގަޅު ވާހަކައެކެވެ. ނަމަވެސް ޑޮލަރު ރޭޓް މަތިކުރުމުން ރުފިޔާގެ އަގު ވެއްޓުނު ވަރެއް ރައީސް ވިދާޅެއް ނުވެ އެވެ.
މަސްވެރިންގެ އަތުން މަސް ގަންނަ އެންމެ ބޮޑު ކުންފުނި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ މެނޭޖަރު މުހައްމަދު އިބުރާހީމް ވިދާޅުވީ ޑޮލަރު ރޭޓަށް ސަރުކާރުން ގެންނެވި ބަދަލާ ގުޅިގެން އެ ކުންފުނިން ގަންނަމުން ދިޔަ މަހުގެ އަގަށް ވަނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބަދަލު ގެންނަވާފައި ކަމަށެވެ. އެގޮތުން އައިސް އަޅައިގެން ގެންނަ ކަޅު ބިލަމަސް ކުރިން ގަންނަމުން އައި 14.ރ ގެ ބަދަލުގައި މިހާރު ގަންނަނީ 16.50.ރ އަށް ކަމަށާއި އައިސް ނާޅައި ގެންނަ ކަޅުބިލަމަސް ކުރިން 13.ރ އަށް ގަތް ނަމަވެސް މިހާރު ގަންނަނީ 14.ރ އަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ފިޝަރީޒް ކޮމްޕްލެކްސް އިން މަސް ގަންނަ އަގަށް މިގެނައި ބަދަލާ ގުޅިގެން މަސްވެރިންގެ އާމްދަނީ ހަމަ ޔަގީނުން ވެސް އެވަނީ އިތުރުވެފަ އެވެ. ނަމަވެސް މަސްވެރިންގެ ތެރެއިން ބައެއް މީހުން ބުނަނީ އާމްދަނީ އަށް އިތުރުވިތަން ތަކެތީގެ އަގު ބޮޑު ވުމުގެ ސަބަބުން ނުފެންނަ ކަމަށެވެ.
"ރަނގަޅު ވާހަކައެއް އަހަރެމެންގެ އާމްދަނީ މިހާރު އިތުރުވެއްޖެ، އެކަމަކު މަސްގަންނަ އަގަށް އެއް ބަދަލު އައި އިއިރު ތަކެތީގެ އަގު ބަދަލު ވަނީ އެއް ފަހަރަކު ދެފަހަރަކު ނޫން. ބައެއް ތަކެތީގެ އަގު ވިޔަފާރިވެރިން އަންނަނީ ދުވާލަކު އެއްފަހަރު ބަދަލު ކުރަމުން. އެހެންވީމަ ކޮން ކުރިއެރުމެއްތޯ އަންނާނީ." މަސްވެރިކަމުގައި އުމުރުގެ ބޮޑުބައެއް ހޭދަކޮށްފައިވާ ނައިފަރު އަހުމަދު ޢަބުދުﷲ ބުނީ އެކަމުގައި ވިޔަފާރިވެރިން ވެސް ރަނގަޅު ނޫން ކަމަށެވެ.
ޑޮލަރު ރޭޓް މަތި ވުމުގެ ސަބަބުން ތަކެތީގެ އަގު އުފުލޭތީ ފާއިތުވި ހަފްތާގައި ކުރި މުޒާހަރާތަކާ މެދު ރިޒޯޓްތަކުގައި މަސައްކަތް ކުރާ މީހުންނާއި މަސްވެރިންގެ ހިޔާލު ތގަފާތެވެ. މުހައްމަދު ނާސިރު ބުނީ އެމުޒާހަރާތަކާ އޭނާ ދެކޮޅު ކަމަށެވެ.
"މުޒާހަރާތައް އެކުރަނީ މީހުން މުޒާހަރާ ކުރާ ގޮތަކަށް ނޫން، ހަމަނުޖެހުން ހިންގާ ގޮތަށް. އެހެން ވީމާ ޓޫރިޒަމަށް އޭގެ އަސަރު ކުރާނެ، އޭރުން ގެއްލުން ވާނީ އަހަރެމެންނަށް،" އޭނާ ބުންޏެވެ. ވިޝާމް ބުނީ މުޒާހަރާ ހަމަ ކުރަން ވީ ކަމަށެވެ. ނަމަވެސް ސަރުކާރުން އެމުޒާހަރާތަކަށް އިޖާބައެއް ދީފާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ.
އަހުމަދު ބުނީ ކޮންމެ ދުވަހަކު ވެސް މުޒާހަރާ ކުރަންވީ ކަމަށެވެ. ނަމަވެސް ދިރިއުޅުމަށް ކުރާ މަސައްކަތް ހުއްޓާލާފައި މުޒާހަރާގައި ބައިވެރިވުން އޭނާ އަށް މުހިއްމު ނޫން ކަމަށް އޭނާ ބުންޏެވެ.
ވިޝާމާއި ނާސިރު އަދި އަހުމަދުގެ ހިޔާލަށް އެއްބަސް ނުވާ ބަޔަކު ވެސް ޓޫރިޒަމާއި މަސްވެރިކަމުގެ ދާއިރާގައި އުޅެފާނެ އެވެ.