25 Apr 2016, 12:40
ޔޫއެން (އޭޕްރިލް 24): އުތުރު ކޮރެއާ އިން މިދިޔަ ހޮނިހިރު ދުވަހު ސަބްމެރިން މިސައިލެއް ޓެސްޓެ ކުރި މައްސަލަ ޔޫއެންގެ ސަލާމަތީ ކައުންސިލުން ކުށްވެރިކޮށްފި އެވެ.
އުތުރު ކޮރެއާ އިން ވަނީ އެ ގައުމުގެ ލީޑަރު، ކިމް ޖޮންގް އުންގެ އިރުޝާދުގެ ދަށުން ހޮނިހިރު ދުވަހު ޓެސްޓު ކުރި މިސައިލު "ވަރަށް ކާމިޔާބު" ކަމަށާއި އެ މިސައިލަކީ "ވަރުގަދަ ނިއުކްލިއާ ހަމަލާއެއް" ދެވޭނެ މިސައިލެއް ކަމަށް ބުނެފަ އެވެ.
ސަލާމަތީ ކައުންސިލުން ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.
"ސަލާމަތީ ކައުންސިލުގެ މެމްބަރުން އެއްބަސްވީ ހާލަތު ކުރިއަށްދާ ގޮތް ކައިރިން ބަލައި، މީގެ ކުރިން ނިންމާފައިވާ ފަދައިން [އުތުރު ކޮރެއާއާ ދެކޮޅަށް] އިތުރަށް ފިޔަވަޅު އަޅަން،" ސަލާމަތީ ކައުންސިލުން ނެރުނު ބަޔާނެއްގައިވެ އެވެ.
އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބޭނުން ކުރާ ފައިސާ ހުސް ކުރުމުގެ ބޭނުމުގައި ޔޫއެންގެ ސަލާމަތީ ކައުންސިލުން ވަނީ މިދިޔަ މަހު އެގައުމާ ދެކޮޅަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ.
އުތުރު ކޮރެއާގެ ނިއުކްލިއާ ޓެސްޓުތަކުގެ ސަބަބުން އެގައުމަށް އާއްމުގޮތެއްގައި ވާގިވެރިވާ ޗައިނާވެސް ވަނީ ރުޅިގަދަވެފަ އެވެ. (ރޮއިޓާސް)