ހުޅުމާލޭގައި މޯލްޑިވްގޭސްގެ ހަތަރު ބުރީގެ އާ އިމާރާތެއް މި ހަފްތާގައި ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ އިމާރާތް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށާއި މި ހަފްތާ ތެރޭގައި އިމާރާތް ހުޅުވޭވަރުވާނެ ކަމަށެވެ.

މޯލްޑިވްގޭސް އިން ބުނީ އާ އިމާރާތެއް ހުޅުވުމުގެ ބޭނުމަކީ އެ ކުންފުނީގެ ހިދުމަތްތައް މިހާރަށްވުރެ ފުޅާ ކުރުމަށާއި ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުން ކަމަށެވެ.

އެގޮތުން އެ އިމާރާތުގައި ޝޯރޫމަކާއި އޮފީހެއްގެ އިތުރުން ކޯލްސެންޓަރެއް ގާއިމްކޮށްފައިވާ އިރު، މަޝްހޫރު ސެންފޯޑު އަދި ފްލެމިންގޯ ބްރޭންޑްގެ ބަދިގޭ ސާމާނާއި ރައްކާތެރިކަމަށް ބޭނުންވާ ތަކެތި އެތަނުން ލިބޭނެކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

ހަތަރުބުރީގެ އެ އިމާރާތް ހުޅުވުމާއެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެ ކުންފުނީގެ ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަން ލިބޭނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.