25 Apr 2016, 11:50
ފުލުހުންގެ ދައުރު އަދާކުރި ކަމަށް ބުނެ ދައުލަތުން އުފުލާފައިވާ ދެވަނަ ދައުވާއަކީ ވެސް ސިޔާސީ ދައުވާއެއް ކަމަށާއި އެހެންކަމުން އެ މައްސަލަ ކުރިއަށްގެންދަން ގާނޫނީ ވަކީލަކު ބޭނުންނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން މަހުލޫފް ވިދާޅުވީ އޭނާގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލަމުން އަންނައިރު ކޮންމެ މައްސަލައަކަށް ވަކީލަކު ހަމަޖެއްސުމަކީ ބޮޑު ޚަރަދެއް ހިނގާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ އަދި ކުރިއަށްގެންދަން ބޭނުންވަނީ ވަކީލަކާ ނުލައި ކަމަށް މަހުލޫފް ވިދާޅުވި އެވެ.
ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުގެ ރޭ 9:30 އިން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ބަޔަކު މުޒާހަރާ ކުރަމުންދަނިކޮށް ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއީލް ދީދީ ގޯޅި ބެރިކޭޑުޖަހައި ބަންދުކޮށްފައި ވަނިކޮށް މަހުލޫފް ބެރިކޭޑުތައް ކޮއްޕައި ދުރަށް ޖެއްސުމަށްފަހު ގަދަކަމުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާ ކަމަށެވެ.
ދައުވާ އަށް ޖަވާބުދާރީވަމުން މަހުލޫފް ވިދާޅުވީ ގާނޫނު އަސާސީއާ ޚިލާފަށް އެއްވެސް މުޒާހަރާއެއް ކޮށްފައިނުވާނެ ކަމަށެވެ.
އޭނާ އެ ދައުވާ އަށް އިންކާރު ކުރެއްވުމުން ދައުލަތުން ވަނީ ހެކި ހުށަހަޅާފައެވެ. ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައި ވަނީ ޕޮލިސް ސާޖަންޓު އަލީ އަހްމަދާއި ޕޮލިސް ލާންސް ކޯޕްރަލް މުހައްމަދު ފާރިޝްގެ އިތުރުން ޕޮލިސް ސާޖަންޓު މުހައްމަދު ސުޖާއުއެވެ.
އެ މައްސަލާގައި އަންނަ އަންގާރަ ދުވަހު ބާއްވާ އަޑުއެހުމުގައި ދިފާއީ ހެކި ހުށަހެޅުމަށް މަހުލޫފަށް ވަނީ ފުރުސަތު ދީފަ އެވެ. ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުން ވެސް އެ ދުވަހު އޮންނާނެ އެވެ.
ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ އިތުރު ދައުވާއެއް ވެސް ދައުލަތުން ވަނީ މަހުލޫފްގެ މައްޗަށް އުފުލާފަ އެވެ. އެ މައްސަލައިގެ ހެކިބަސް މިހާރު ވަނީ ނަގާފަ އެވެ.