25 Apr 2016, 11:26
ފްލޮރިޑާ (އޭޕްރިލް 25): އެމެރިކާގެ ފްލޮރިޑާގައި ހުންނަ ޕާމް ބީޗް ޒުލުގައި އޮތް މިނިކާވަގެއް މި މަހުގެ 15 ވަނަ ދުވަހު ދިން ހަމަލާގައި މަރުވީ ޒުލުގެ ގަވާއިދުތަކާ ހިލާފަށް އަމަލު ކުރި މުވައްޒަފެއް ކަމަށް ޒުލުގެ ސީއީއޯ، އެންޑްރޫ އައިކެން ވިދާޅުވެއްޖެ އެވެ.
ޕާމް ބީޗް ޒުލުގެ މިނިކާވަގުން ބަލަހައްޓާ ގުރޫޕުގެ ލީޑަރުގެ ގޮތުގައި މަސައްކަތް ކުރަމުން އައި ސްޓޭސީ ކޮންވައިޒާއަށް މިނިކާވަގެއް ހަމަލާ ދިނީ، މިނިކާވަގުން ކެއުމަށާއި ނިދުމަށް ހާއްސަކޮށްފައިވާ ސަރަހައްދަށް ވަދެ އުޅެނިކޮށެވެ.
މީގެ ކުރިން ޕާމް ބީޗުން ވަނީ އެ ހާދިސާގައި ސްޓޭސީގެ އެއްވެސް ކުށެއް ނުވާ ކަމަށް ބުނެފަ އެވެ. ނަމަވެސް، މިދިޔަ ހުކުރު ދުވަހު ޒުލުގެ ސީއީއޯ، އައިކެން އާއްމު ކުރެއްވި ބަޔާނެއްގައިވާ ގޮތުން ކޮންވައިޒާ ވަނީ ޒުލުގެ ގަވާއިދުތަކާ ހިލާފުވެފަ އެވެ.
"އަޅުގަނޑުމެންގެ ގަވާއިދުތަކުގައި ބުނެފައި ވާނެ މިނިކާވަގެއް އުޅޭ ނުވަތަ އެއަށް ވަދެވެން އޮންނަ ސަރަހައްދަކަށް މުވައްޒަފުން ވަދެގެން ނުވާނެ ކަމަށް. އެ ރޭ ކޮންވައިޒާ ވަނީ މިނިކާވަގަށް ވަދެވޭނެ ކަން ކަށަވަރުކޮށް އެނގެން އޮތް ސަރަހައްދަކަށް ވަދެފައި،" ސީއީއޯގެ ބަޔާނުގައިވެ އެވެ.

ޕާމް ބީޗް ޒުލުގައި މިނިކާވަގަކު ދިން ހަމަލާގެ ސަބަބުން ސްޓޭސީ ކޮންވައިޒާ އާއި ފިރިމީހާ -- ފޮޓޯ: ފޭސްބުކް
ނަމަވެސް، މިނިކާވަގު ގެންގުޅުމުގައި ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިފައިވާ އަދި ޒުލުގެ ގަވާއިދުތައް ރަނގަޅަށް އެނގޭ ކޮންވައިޒާ އެރޭ ގަވާއިދުތަކާ ހިލާފުވި ސަބަބެއް ނުވިސްނޭ ކަމަށް ވެސް އައިކެން ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން، ޒުލުގައި ކެމެރާތައް ހަރުކޮށްފައިވާ ނަމަވެސް އެރޭ ކެމެރާތައް ހުރީ ނުޖައްސާ ކަމަށް ބަޔާނުގައިވެ އެވެ.
އެ ހާދިސާ ހިނގާ ދިޔަ ގޮތް ބަލަން ތަފާތު ފަސް ތަހުގީގެއް ކުރިއަށް ދާ ކަމަށް އައިކެން ވިދާޅުވި އެވެ.
ޕާމް ބީޗް ޒޫގެ ތަރުޖަމާނު، ނަކީ ކާޓާ ވިދާޅުވި ގޮތުގައި ކޮންވައިޒާ ޒުލުގައި މަސައްކަތް ކުރާތާ މިހާރު ތިން އަހަރުވެއްޖެ އެވެ. އޭނާގެ ފިރިމީހާ، ޖެރެމީ ކޮންވައިޒާ ވެސް މަސައްކަތް ކުރަނީ އެ ޒުލުގަ އެވެ. (ސީބީއެސްނިއުސް)