މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ފަސް ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ދީފި އެވެ.

އެ މިނިސްޓްރީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް އެދި ޕްރޮޕޯސަލް ހުށަހެޅި އަމިއްލަ ކުންފުނިތަކުގެ ޕްރޮޕޯސަލް އިވެލުއޭޓް ކުރުމަށް ފަހު ފަސް ކުންފުންޏަކަށް ހުއްދަ ދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

މިއަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ފަސް ކުންފުންޏަކަށް ދީފައި ވަނީ ކޮންމެ ކުންފުންޏަކަށް ވެސް 80 ކޯޓާގެ މަގުންނެވެ. އެއީ ފަސް ކުންފުންޏަށް ޖުމްލަ 400 ކޯޓާ އެވެ. އެއީ ހައްޖު ކޯޕަރޭޝަނަށް ދޭ ކޯޓާގެ އިތުރުންނެވެ.

ސައުދީ ސަރުކާރުގެ ފަރާތުން ރާއްޖެ އަށް ކޮންމެ އަހަރަކު ދެމުންދަނީ 1000 ހައްޖު ކޯޓާ އެވެ. ރާއްޖެ އަށް ލިބޭ ހައްޖު ކޯޓާގެ ތެރެއިން 50 ޕަސެންޓް ލިބޭނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށެވެ.

ނަމަވެސް، ސައުދީ އަރަބިއާގެ ރަސްގެފާނު، ސަލްމާންގެ ދައުވަތަކަށް މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން، އެ ގައުމަށް ކުރެއްވި ދަތުރުފުޅަށް ފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ، މިދިޔަ އަހަރުގެ ދާއިމީ ހައްޖު ކޯޓާއަށް އިތުރު 1،000 ކޯޓާ އިތުރުކޮށްދިނުމަށް ސައުދީން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިދިޔަ އަހަރު ސައުދީ ސަރުކާރުން އިތުރު 1000 ކޯޓާ އިތުރުކޮށްދިން ނަމަވެސް، މި އަހަރު އިތުރު ކޯޓާ ދޭނެ ކަމުގެ އިޝާރާތެއް އަދި އެގައުމުގެ ސަރުކާރުން ދީފައިނުވާ ކަމަށެވެ.

މިއަހަރު ހައްޖަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ފަސް ކުންފުނިތަކާއި އަގުތައް:

  • ޒަޢީ ހައްޖު ގްރޫޕް ޕްރައިވެޓް ލިމިޓެޑް

އިކޮނޮމިކް ޕެކޭޖް: 69965 ރުފިޔާ

  • އެކްރޯ ޕްރައިވެޓް ލިމިޓެޑް

އޮކޮނޮމިކް ޕެކޭޖް: 69975 ރުފިޔާ

ބިޒްނަސް ޕެކޭޖް: 74975 ރުފިޔާ

ވީއައިޕީ ޕެކޭޖް: 79975 ރުފިޔާ

  • މިނާ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް

އޮކޮނޮމިކް ޕެކޭޖް: 69965 ރުފިޔާ

ބިޒްނަސް ޕެކޭޖް: 90656 ރުފިޔާ

ވީއައިޕީ ޕެކޭޖް: 112129 ރުފިޔާ

  • އަލްޚަރަމައިނި ހައްޖު އެންޑް އުމްރާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

އޮކޮނޮމިކް ޕެކޭޖް: 57999 ރުފިޔާ

ބިޒްނަސް ޕެކޭޖް: 65000 ރުފިޔާ

  • ސިސިލްފަރު ހައްޖު އެންޑު އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

އިކޮނޮމިކް ޕެކޭޖް: 69969 ރުފިޔާ

އިސްލާމިކް މިނިސްޓްރީން ބުނީ، ހުއްދަ ދިން ކުންފުނިތަކުން 14 ދުވަހުގެ ތެރޭގައި ހައްޖުގެ ކަންކަން އިންތިޒާމްކުރާ އޮފީހެއް ގާއިމްކުރަން ޖެހޭނެ ކަމަށެވެ. އަދި ހައްޖަށް ގެންދިއުމަށް ޓަކައި އާންމު ރައްޔިތުންގެ އަތުން ފައިސާ ބަލައިގަންނަން ޖެހޭނީ އަންނަ މޭ އަށް ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

މީގެ އިތުރުން، ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ މަތިން ހައްޖަށް ގެންދިއުމަށް ފައިސާ ބަލައިގަތުމުގައި ފަރުޟު ހައްޖު އަދާކޮށްފައިނުވާ މީހުންނަށް ކޮންމެ ކުންފުންޏަކަށް ލިބޭ ހައްޖު ކޯޓާގެ 90 ޕަސެންޓް ހާއްސަކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.