25 Apr 2016, 12:53
މެޕްސް ކޮލެޖުން ސެޓްފިކެޓް ލެވަލް އިން ފެށިގެން މާސްޓާޒް ފެންވަރާ ހަމައަށް ކިޔެވުމަށް 50 އަށް ވުރެ ގިނަ ކޯހާއެކު އަންނަ ޖޫން މަހުގެ އިންޓޭކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މެޕްސް ކޮލެޖުން ބުނީ، އަންނަ ޖޫން މަހު މާސްޓާޒް އަދި ގްރެޖުއޭޓް ޑިޕްލޮމާ ފެންވަރުގެ އެއް ކޯހަކާއި ބެޗްލާސް ޑިގްރީ އަދި އެސޯސިއޭޓްސް ޑިގްރީގެ ފަސް ކޯހެއް ފަށާނެ ކަމަށެވެ.
މީގެ އިތުރުން، އެޑްވާންސް ޑިޕްލޮމާ ފެންވަރުގެ ހަ ކޯހަކާއި ޑިޕްލޮމާ ފެންވަރުގެ އަށް ކޯހަކާއި ފައުންޑޭޝަން ސްޓަޑީޒްގެ ތިން ކޯހެއް އަދި ސެޓްފިކެޓް ފެންވަރުގެ 11 ކޯހަކަށް ވަނުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.
މެޕްސް ކޮލެޖުގެ ސޭލްސް އެންޑް މާކެޓިންގެ ޑެޕިއުޓީ މެނޭޖަރު އައިމިނަތު ޝާހީ ވިދާޅުވީ، އެ ކޮލެޖުން މި އަހަރުގެ ޖޫން އިންޓޭކަށް އާ ކޯހެއް ވެސް ފަށަން ނިންމާފައިވާ ކަމަށެވެ.
މެޕްސް ކޮލެޖުން ބުނީ، އަންނަ ޖޫން މަހު ތައާރަފްކުރި ކޯސްތަކުގެ ތެރޭގައި އޮސްޓްރޭލިއާގެ ސީއީއޯ މެގަޒިންގެ ރޭންކިންގެ މިއަހަރުގެ އެއްވަނަ އަށް ގޮސްފައިވާ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްގެ މާސްޓާޒް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ކޯހަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
މެޕްސް ކޮލެޖްގެ ޖޫން އިންޓޭކަށް އެޕްލިކޭޝަން ހުށަހެޅުމުގެ މެއި މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. އަދި ކޮލެޖްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ކޯސްތަކަށް އެޕްލައިކުރެވޭނެ ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.
މެޕްސް ކޮލެޖުން ބުނީ، އެ ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލުމަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އިންސްޓޯލްމަންޓް އަށް ފީ ދެއްކުމުގެ އިންތިޒާމް އެ ކޮލެޖުން ހަމަޖައްސައިދީފައިވާނޭ ކަމަށް އެ ކޮލެޖުން ބުނެ އެވެ.
މަތީ ތައުލީމު އުނގަންނައިދިނުމުގެ ދާއިރާގައި 17 އަހަރު ވެފައިވާ އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސްމާޓް ކްލާސްރޫމްތަކުގަ ކިޔަވައިދޭ މެޕްސް ކޮލެޖުގެ ގިނަ ކޯސްތަކަކީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ ކޯސްތަކެވެ.
އެގޮތުން، އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވް (އޭބީއީ)، އެސޯސިއޭޝަން އޮފް ޗާޓާޑް ސެޓިފައިޑް އެކައުންޓަންޓް (އޭސީސީއޭ)، ޔޫކޭ ގެ އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީ ، ޕިއާސަން، އެޑެކްސެލް އަދި ކޮންފަޑަރޭޝަން އޮފް ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ (ސީޓީއެޗް) ގެ ކޯސްތައް ހިމެނެއެވެ.