07 May 2011, 08:54
އުސާމާ ބިންލާދިން އަވަހާރަ ކޮށްލައިފިކަމަށް ބުނެ އަލްޤާޢިދާ ޖަމާޢަތުގެ ނަމުގައި އެމެރިކާ ސިފަކުރާ ޖަމާޢަތުންވެސް އިއްޔެ ބަޔާނެއް ނެރެފިއެވެ.
އަލްޤާޢިދާއިން ބަޔާނެއް މިނެރުނީ އުސާމާ ބިންލާދިން އަވަހާރަކޮށްލެވިއްޖެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ބަޔާންތައް ދެއްވަމުން ގެންދަވާތާ ހަތަރު ދުވަސް ފަހުންނެވެ.
އިންޓަރނެޓް މެދުވެރިކޮށް އަލްޤާއިދާއިން ނެރުނުކަމަށް ބުނާ މިބަޔާނުގައި، އެމެރިކާއިން އުސާމާ ބިންލާދިން އަވަހާރަކޮށްލި ކަމަށްބުނާ ބުނުން ކަށަވަރުކޮށް ދީފައިވެއެވެ. އަދި އުސާމާގެ މަރުގެ ބަދަލު، އެމެރިކާއާ ދެކޮޅަށް ހިފާނެ ކަމަށާއި އުސާމާ ވަކިވެދިޔަ ނަމަވެސް އަލްޤާޢިދާ ބަލިނުވާނެ ކަމަށާއި އެޖަމާއަތުގެ ޙަރަކާތްތަކަށް ފަނޑުކަމެއް ނާންނާނެ ކަމަށާއި ހުޅަނގަށް ހަމަލާ ދިނުމުގައި ދެމިއޮންނާނެ ކަމުގެ އިންޒާރުވެސް މިބަޔާނުގައި ދީފައިވާ ކަމަށް އަލްޖަޒީރާ ބުނެއެވެ.
އަލްޤާއިދާގެ ބަޔާން ބުނާގޮތުން "އައްޝައިޚް އަލްމުޖާހިދު އަބޫ ޢަބްދުﷲ އުސާމާ ބިން މުޙައްމަދު ބިންލާދިން އަވަހާރަ ކޮށްލީ މަކަރާއި ކާފަރުކަމުގެ އުންޑައަކުން" ނެވެ. އަދި އަވަހާރަ ކޮށްލުމުގެ އެއްހަފްތާކުރިން އުސާމާ ރެކޯޑް ކުރައްވާފައިވާ އޯޑިޔޯއެއް އެބައޮތް ކަމަށާއި މިއޯޑިޔޯގައި ޢަރަބި ޤައުމުތަކަށް އަންނަމުންދާ ރައްޔިތުންގެ އިންޤިލާބުތަކާބެހޭގޮތުން އުސާމާ ވާހަކަ ދައްކަވާފައިވާނެކަން އަލްޤާޢިދާގެ ބަޔާނުގައި ހިމެނޭކަމަށްވެސް އަލްޖަޒީރާ ބުނެއެވެ.
ސެޕްޓެމްބަރ 11 އިގެ ޙަމަލާތަކަކީވެސް އަލްޤާއިދާގެ ޙަމަލާތަކެއް ކަމަށާއި އެކަމުގެ ފަހަތުގައި ހުންނެވީ އުސާމާ ބިންލާދިން ކަމަށް އެމެރިކާ ބުނިތާ ހައެއްކަ ދުވަސްފަހުން އެމެރިކާ ބުނިގޮތަށް، އެކަމުގެ ފުރިހަމަ ޒިންމާ އުފުލާކަމާއި އެހަމަލާތައް އެމެރިކާއަށް ދިންކަމަށް އަމިއްލައަށް އިޢްތިރާފްވެ އަލްޤާޢިދާއިން ބަޔާނެއް ނެރެފައިވެއެވެ.
އަލްޤާޢިދާއާއި އެމެރިކާގެ ގުޅުންތައް ދިރާސާ ކުރައްވާ މުޙައްލިލުންގެ ނަޒަަރުގައި އެޖަމާއަތަކީ އެތެރެއާއި ބޭރުން އެމެރިކާ ޙާސިލްކުރަންބޭނުންވާ ސިޔާސީ އަދި އިސްތިޢްމާރީ މަޤްސަދްތައް ޙާސިލް ކުރުމަށާއި ފަތުރަންޖެހޭ ޕްރޮޕަގެންޑާތައް ފެތުރުމަށް ބޭނުންވާ ބިރު ދެއްކުމަށް ހަތިޔާރެއްގެ ގޮތުގައި އެމެރިކާ ގެންގުޅޭ ފެނޯމެނަން އެކެވެ. ނުވަތަ މިމަޤްސަދްތައް ޙާސިލް ކުރުމަށް އެމެރިކާ ގެންގުޅޭ ޚިޔާލީ ޖަމާއަތެކެވެ.
އަލްޤާޢިދާއަށާއި އުސާމާ ބިންލާދިންއަށް ނިސްބަތްކޮށް އިންޓަރނެޓްގައި ޝާއިޢުކުރާ ބަޔާންތަކުގެ ފަހަތުގައިވަނީ އެމެރިކާގެ ޖާސޫސީ އިދާރާތައް ކަމަށް އެތަށްބަޔަކު ޝައްކު ކުރެއެވެ. އިސްލާމީ ޤައުމުތަކަށް އަރައިގަތުމަށާއި އެޤައުމުތަކާ ދެކޮޅަށް ޢުދުވާންތައް ހިންގުމަށް، މި އޯޑިޔޯ އަދި ވީޑިޔޯ ތަކުން އެމެރިކާއަށް މަގުފަހިކޮށްދޭ ކަމަށްވެސް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
އެމެރިކާ، އަފްޣާނިސްތާނަށާއި ޢިރާޤަށް އަރައި އެދެޤައުމުގެ އެތަށް ލައްކަބަޔަކު މަރައި އެދެޤައުމުގެ ބޮޑުބައެއް ސުންނާފަތިކޮށް ފަނާކޮށްލުމުގައިވެސް އަލްޤާޢިދާއާއި އުސާމާ ބިންލާދިން ބަހަނާ އަކަށް ހަދާފައިވެއެވެ. އަދި މިހާރު ޕާކިސްތާނަށް އެމެރިކާ ދޭ ވައިގެ ތަކަކީވެސް އަލްޤާޢިދާއާ ގުޅުވައިގެންދޭ ދޭޙަމަލާތަކެކެވެ. މިޙަމަލާތަކުންވެސް ޕާކިސްތާނު ރައްޔިތުންގެ އެތަށް ބަޔަކު ކޮންމެ ދުވަަހަކު ކަހަލަގޮތަކަށް މަރާލެވެމުންދާތާ އަހަރުތަކެއް ވެއްޖެވެ.
އަނެއްކޮޅުން ޢިރާޤުގައި އަލްޤާޢިދާ ހަރަކާތްތެރިވާން ފަށާއިވަނީވެސް އެމެރިކާ ޢިރާޤަށް އަރައި ސައްދާމް ޙުސައިންގެ ވެރިކަން ވައްޓާލުމަށްފަހުގައި ކަމަށްވާތީ، އެމެރިކާއާއި އަލްޤާޢިދާއާ ސިއްރު ގުޅުންތަކެއްވާކަމަށް ޝައްކުކުރާނެ ޖާގަ އެބައޮތެވެ.
އަލްޤާޢިދާގެ ނަމުގައި ޢިރާޤުގައި ބަޔަކު ހިންގި ބޮންގޮއްވުގެ ޖަރީމާތަކުން ޢިރާޤުގެ އެތަށް ހާސްބަޔަކު މަރުވެގެންދިޔައިރު އެކަމުގެ ހުރިހާ ފައިދާއެއްލިބުނީ އެމެރިކާއަށެވެ.
އަލްޤާޢިދާގެ ނަމުގައި ގޮތްނޭންގޭ ބަޔަކު ހިންގަމުންގެންދާ ޓެރަރިޒަމްގެ މިޙަރަކާތްތަކުގެ ސަބަބުން ޢިރާޤުގައި ދިގުމުއްދަތަކަށް ފައިހަރުކޮށްލުމުގެ ފުރްސަތު އެމެރިކާއަށް ތަނަވަސްވެގެން ދިޔައެވެ.
އެެމެރިކާ ޢިރާޤަށް ބޮންއަޅައިގެން ލިބުނު ގެއްލުމާ އެއްފަދަ ގެއްލުންތަކެއް އަލްޤާއިދާގެ ހަނގުރާމަވެރިން ކަމަށް އެމެރިކާ ސިފަކުރާ ފަރާތްތަކުން ހިންގި ބޮންގޮއްވުމުގެ ޢަމަލުތަކުން ޢިރާޤަށް ލިިބިގެންދިޔައެވެ.
މިހާރުގެ ސުވާލަކީ އުސާމާބިންލާދިން އަވަހާރަކޮށްލެވިއްޖެ ކަމަށް މީގެ ހަތަރުފަސް ދުވަސްކުރިން އެމެރިކާ ބުނި ބުނުމަކީ އެމެރިކާއަށް "ރަންބިސްއަޅައިދޭ މިކުކުޅު" އަމިއްލައަށް މަރާލި ކަމަށް އެމެރިކާ ބުނުން ހެއްޔެވެ؟
ޖަވާބަކީ އެެމެރިކާއަށް ރަންބިސްއަޅައިދޭ ކުކުޅު އަދިވެސް މަރުނުވާ ކަމެވެ. އެމެރިކާއަށް ރަންބިސްއަޅައިދޭ ކުކުޅު މަރުނުވާކަން ހާމަވެގެންދިޔައީ، އަލްޤާޢިދާގެ ބަޔާނުގައި އެމެރިކާއަށާއި ހުޅަނގާ ދެކޮޅަށް އަދިވެސް ހަމަލާތައް ދޭނެކަމާއި އުސާމާ އަވަހާރަ ކޮށްލުމުން ޢަލްޤާޢިދާގެ ޙަރަކާތްތަކަށް ކުޑަވެސް ބަދަލެއް ނާންނާނެކަން އެޖަމާޢަތުގެ ނަމުގައި ނެރެފައިވާ ބަޔާނުގައި ހާމަކޮށްފައިވުމެވެ.
އެހެން ކަމުން، އުސާމާ އަވަހާރަކޮށްލެވުނު ކަމަށް ވިޔަސް، ޓެރަރިޒަމާ ދެކޮޅު ނަމުގައި އިސްލާމީ ޤައުމުތަކަށާއި މުސްލިމުންނާ ދެކޮޅަށް އެމެރިކާ ހިންގަމުން ގެންދާ އަނިޔާވެރި ޢަމަލުތަކާއި ޖަރީމާތައް ހިންގުމުގެ ފުރްސަތު އެމެރިކާއަށް އަދިވެސް ގެއްލިގެނެއް ނުދެެއެވެ.
އަދި އެމެރިކާގެ އެތެރެއާއި ބޭރުން އެމެރިކާ ޙާސިލްކުރަންބޭނުންވާ ސިޔާސީ އަދި އިސްތިޢްމާރީ ލަނޑުދަނޑިތައް ޙާސިލް ކުރުމަށް ބޭނުންކުރާ ފެނޯމެނަން އެއްގެ ގޮތުގައި އަލްޤާއިދާ ޖަމާޢަތް އަދިވެސް އެބައޮތެވެ.
އެހެންކަމުން އަލްޤާޢިދާއޭ މިކިޔާ ޖަމާޢަތަކީ ކޮންޖަމާއަތެއް ކަމާއި އެޖަމާއަތުގެ ހަނގުރާމަވެރިންނާއި އެޖަމާޢަތަށް ނިސްބަތްވާ ފަރާތްތަކާއި އެޖަމާއަތުގެ ރޭވުންތަކާ އަދި އަމާޒުތަކާއި ލަނޑުދަނޑިތައްވެސް އެނގޭނެ ހަމައެކަނި ޤައުމަކީ އެމެރިކާއެވެ.