25 Apr 2016, 10:59
އިނގިރޭސި ޕްރިމިއާ ލީގުގައި ފަސޭހަކަމާއެކު ސްވަންސީ ސިޓީގެ މައްޗަށް ކުރި ހޯދައި ލެސްޓާ ސިޓީން ލީގު ހޯދުމާ އިތުރަށް ގާތަށް ޖެހިލިއިރު، ސަންޑަލޭންޑް އަތުން އާސެނަލްއަށް ޕޮއިންޓްތަކެއް ގެއްލިއްޖެ އެވެ.
ރޭ ކުޅުނު މެޗުގައި ސްވަންސީ އަތުން 4-0 ލަނޑުގެ ނަތީޖާއަކުން ލެސްޓާ މޮޅުވިއިރު، އާސެނަލް އާއި ސަންޑަލޭންޑް ބައްދަލުކުރި މެޗު ނިމިގެން ދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީ އާއި ސްވަންސީ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 4-0 ލަނޑުން ކާމިޔާބުކުރީ ލެސްޓާ --- ފޮޓޯ: އޭޕީ
އެ ނަތީޖާތަކާއެކު ލީގުގެ އެއް ވަނާގައި ލެސްޓާ އޮތީ ކުޅުނު 35 މެޗުން ލިބުނު 76 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅުނު 34 މެޗުން 68 ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީ ކުޅުނު 35 މެޗުން ލިބިފައިވަނީ 64 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް އާސެނަލަށް ވެސް 35 މެޗުން 64 ޕޮއިންޓް ލިބިފައިވާ އިރު، އެ ޓީމުގެ ފަހަތުން ވިއްދާފައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 34 މެޗުން ލިބިފައިވަނީ 59 ޕޮއިންޓެވެ.
ލެސްޓާގެ ދަނޑު، ކިންގް ޕަވާ ސްޓޭޑިއަމްގައި ރޭ ސްވަންސީއާ ދެކޮޅަށް ކުޅުނު މެޗުގެ ދިހަ ވަނަ މިނެޓުގައި ލެސްޓާއިން ވަނީ ލަނޑެއްޖަހައި، ލީޑު ނަގައިފަ އެވެ. ސްވަންސީގެ އޭޝްލީ ވިލިއަމްސްއަށް ހެދުނު ގޯހަކުން އެ ލަނޑު ލެސްޓާއަށް ކާމިޔާބުކޮށްދިނީ ރިޔާދް މަހްރޭޒެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ސްވަންސީ ސިޓީ ކޮޅަށް ލެސްޓާ ސިޓީގެ މަހްރޭޒް ކާމިޔާބުކުރި ލަނޑަށް ފަހު، އެ ޓީމުގެ ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ: އެ މެޗު 4-0 ލަނޑުން ކާމިޔާބުކުރީ ލެސްޓާ --- ފޮޓޯ: އޭޕީ
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން 30 ވަނަ މިނެޓުގައި ލެސްޓާއިން ވަނީ އިތުރު ލަނޑެއް ޖަހައި، ލީޑު ނަގައިފަ އެވެ. ލެސްޓާއަށް ލިބުނު ހިލޭ ޖެހުމަކުން ޑެނީ ޑްރިންކްވޯޓާ ނަގައިދިން ހުރަހަކުން އެ ލަނޑު ކާމިޔާބުކޮށްދިނީ ލިއޮނާޑޯ އުލޮއާ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 2-0 ލަނޑުން ލެސްޓާ ކުރީގައި އޮވެގެންނެވެ.
ލެސްޓާއިން ކާމިޔާބު ކުރި ތިން ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 60 ވަނަ މިނެޓުގަ އެވެ. ޖްފްރޭ ޝްލުޕް ދިން ބޯޅައަކުން އެ ލަނޑު ލެސްޓާއަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން އުލޮއާ އެވެ. މެޗު ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށް، ލެސްޓާގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށް ދިނީ މާކް އޯލްބްރައިޓަން އެވެ. ސަސްޕެންޝަންގެ ސަބަބުން އެ މެޗުގައި ލެސްޓާގެ އިނގިރޭސި ފޯވަޑް ޖެމީ ވާޑީ ކުޅެފައެއް ނުވެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީ އާއި ސްވަންސީ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 4-0 ލަނޑުން ކާމިޔާބުކުރީ ލެސްޓާ --- ފޮޓޯ: އޭޕީ
ސަންޑަލޭންޑްގެ ސްޓޭޑިއަމް އޮފް ލައިޓްގައި ރޭ ކުޅުނު މެޗުގައި އާސެނަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، އެ ޓީމަށް ސަންޑަލޭންޑްގެ ގޯލުގެ ތެރެއަށް ބޯޅައެއް ވައްދާލެވިފައެއް ނުވެ އެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު އާސެނަލްއިން ރޭގެ މެޗުގައި ސަންޑަލޭންޑްގެ ގޯލަށް ހަތް ހަމަލާ އުފެއްދި އެވެ.