ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ބައި 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ފައިނަލުގައި ފަސޭހަކަމާ އެކު ޓީމު ފެނަކަ ބަލިކޮށް، ކްލަބު އިމިގްރޭޝަނުން ޗެމްޕިއަންކަން ހޯދައިފި އެވެ.

މާފަންނު ސްޓޭޑިއަމް ވެލިދަނޑުގައި ރޭ ކުޅުނު އެ މުބާރާތުގެ ފައިނަލު މެޗުގައި ޓީމު ފެނަކަގެ މައްޗަށް ކްލަބު އިމިގްރޭޝަން ކުރިހޯދީ 8-3 ލަނޑުންނެވެ. މިދިޔަ އަހަރުގެ ވެސް ވިމެންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ހޯދީ އިމިގްރޭޝަން އެވެ.

މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައިވާ އިމިގްރޭޝަންގެ ބިދޭސީ ކުޅުންތެރިޔާ ސިރްމަނީ އޮތައީ ރޭގެ މެޗުގައި ހަތަރު ލަނޑު ކާމިޔާބުކުރި އެވެ. އޭގެ އިތުރުން އިމިގްރޭޝަންގެ ރަނީ މުލްޔާ ސާރީ ދެ ލަނޑު ކާމިޔާބުކުރި އިރު، ފަދުވާ ޒާހިރު ވެސް ލަނޑެއް ކާމިޔާބުކުރި އެވެ.

ވިމެންސް ފުޓްސަލް ފިއެސްޓާގެ ފައިނަލުގައި ކްލަބު އިމިގްރޭޝަނާއި ޓީމު ފެނަކަ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 8-3 ލަނޑުން ކާމިޔާބުކުރުމަށް ފަހު ޗެމްޕިއަންކަން ހޯދީ އިމިގްރޭޝަން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ފެނަކައިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު، އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޖިއަޕްރަޕާ ޓުޕްސޫރީ ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޝަހުލާ ތައުފީގު އެވެ. ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މެޗުގައި އިމިގްރޭޝަނަށް ހަތަރު ލަނޑު ކާމިޔާބުކޮށްދިން ސިރްމަނީ އޮރަތައި އެވެ.

އެ މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ އިމިގްރޭޝަންގެ ރާނީ މުލްޔާ ސާރީ އެވެ. ފެއާ ޕްލޭ ޓީމަކަށް ރަނަރަޕް ފެނަކަ ހޮވުނު އިރު، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔަކަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބުގެ ސަބީނާ ކަތުން އެވެ. އެންމެ މޮޅު ކޯޗަކަށް ފަނަކަގެ ކޯޗު އިބްރާހިމް ނަބީލް ހޮވުނު އިރު، އެންމެ ސަޕޯޓިން ޓީމަކަށް ހޮވުނީ ފެނަކަ އެވެ.

ވިމެންސް ފުޓްސަލް ފިއެސްޓާގެ ރަނަރަޕްކަން ހޯދި ޓީމު ފެނަކަ: ފައިނަލުގައި ފެނަކަ ބަލިކުރުމަށް ފަހު ޗެމްޕިއަންކަން ހޯދީ ކްލަބު އިމިގްރޭޝަން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އިމިގްރޭޝަންގެ ސިރްމަނީ އޮރަތައި އާއި، އެ ޓީމުގެ ރާނީ މުލްޔާ ސާރީ އާއި ފެނަކަގެ ޝަހުލާ ތައުފީގު އާއި އެ ޓީމުގެ ޖިއަޕްރަޕާ ތުފްސޫރީ އަދި ސިފައިންގެ ކްލަބުގެ ސަބީނާ ކަތުން އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އިމިގްރޭޝަންގެ ސިރްމަނީ އޮރަތައި އެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ ފިރިހެން ބައިގެ ފައިނަލް މެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވެ އެވެ. ކްލަބު އެމްއާރްޑީސީ އާއި ޔުނައިޓެޑް ބީއެމްއެލް ބައްދަލުކުރާ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައެވެ.