25 Apr 2016, 09:51
ލަންޑަން (އެޕްރީލް 25) : ނިއުކްލިޔާ ހަތިޔާރު ތަޖްރިބާކުރުން ހުއްޓާލުމަށް އުތުރުކޮރެޔާ އިން ހުށަހެޅި ހުށަހެޅުމަށް އެމެރިކާ ދެކޮޅު ހަދައިފި އެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ ނިއުކްލިޔާ ހަތިޔާރު ތަޖްރިބާކުރުން ހުއްޓާލުމަށް އުތުރުކޮރެޔާ ހުށަހެޅި ހުށަހެޅުމަކީ ގަބޫލުކުރެވޭނެ ހުށަހެޅުމެއްނޫން ކަމަށާއި އެހުށަހެޅުމަށް އެމެރިކާ ދެކޮޅުހަދާ ކަމުގަ އެވެ. އުތުރު ކޮރެޔާގެ ޚާރިޖީ ވަޒީރު ރީ ސޫޔުންގް ވަނީ ދެކުނު ކޮރެޔާއާ އެކު އެމެރިކާ ކޮންމެ އަހަރަކު ވެސް ކުރިޔަށްގެންދާ އަސްކަރީ ތަމްރީންތައް ހުއްޓާލާ ނަމަ އުތުރުކޮރެޔާ ކުރިޔަށްގެންދާ ނިއުކްލިޔާ ތަޖްރިބާތައް ވެސް ހުއްޓާލުމަށް ހުށަހަޅައިފަ އެވެ. އުތުރުކޮރެޔާ އިން ދާދިފަހުން ވަނީ ނިއުކްލިޔާ ވޯހެޑް އުފުލޭވަރުގެ ބެލަސްޓިކް މިސައިލެއް ސަބްމެރިންއަކުން ފޮނުވާލައިފަ އެވެ.
މިއީ ނިއުކްލިޔާ ހަތިޔާރުން ހަމަލާދިނުމުގެ ގާބިލްކަން ހޯދުމާއި ނިއުކްލިޔާ ހަތިޔާރުގެ އައްޑަނައެއް ބިނާކުރުމުގައި އުތުރުކޮރެޔާއިން ހޯދި ވަރަށްބޮޑު ކާމިޔާބީއެއް ކަމަށް ކަމާބެހޭ ރިޕޯޓްތައް ބުނެ އެވެ. އުތުރުކޮރެޔާގެ އަވަށްޓެރި ދެކުނު ކޮރެޔާގެ ސިފައިންނާ އެކު އެމެރިކާ ކޮންމެ އަހަރަކު ވެސް ކުރިޔަށްގެންދާ އަސްކަރީ ތަމްރީންތަކަކީ އުތުރުކޮރެޔާ ވަރަށްބޮޑަށް ރުޅި އަންނަ އަދި އެކަމާ ދެކޮޅަށް އެގައުމުން އަޑުއުފުލާ ކަމެކެވެ. ނަވާރަސަތޭކަ ފަންސާސް ތިން ވަނަ އަހަރުގައި ނިމުނު ދެކޮރެޔާގެ ހަނގުރާމައަށް ފަހު ދެކުނުކޮރެޔާގައި އެމެރިކާގެ 40،000 ސިފައިންގެ ލަޝްކަރެއް ރުކުރުވާލާފައިވެ އެވެ. އެމެރިކާގެ އެލަޝްކަރުގެ ސިފައިންނާއެކު ދެކުނުކޮރެޔާގެ ސިފައިން ކޮންމެ އަހަރަކު ވެސް އެއްފަހަރު ފުޅާދާއިރާއެއްގައި އަސްކަރީ ތަމްރީންތައް ކުރަމުން ގެންދެއެވެ. މިތަމްރީންތައް ބާއްވާމުން ގެންދަނީ ދެކޮރެޔާގެ ސަރަހައްދީ ރޮނގުގެ ކައިރީގައެވެ.
އެހެންކަމުން މިތަމްރީންތައް ކުރިޔަށްގެންދާ ކޮންމެފަހަރަކު ދެކޮރެޔާގެ ދެމެދުގައި އަރާރުންތައް ބޮޑުވެ ނުތަނަވަސްކަން އިތުރުވަމުން ދެއެވެ. އުތުރުކޮރެޔާ ދެކޭގޮތުގައި މިއީ އެގައުމަށް ޖެއްސުންކުރުމުގެ ގޮތުން އެމެރިކާ އިސްވެ އޮވެގެން ކުރިޔަށްގެންދާ ތަމްރީންތަކެކެވެ. މިކަމަށް ރައްދުދިނުމުގެ ގޮތުން އުތުރުކޮރެޔާއިން ކުރާކަންތައްތަކުގެ ތެރޭގައި ނިއުކްލިޔަރ ހަތިޔާރުގެ ތަޖްރިބާތައް ކުރުމާއި ބެލަސްޓިކް މިސައިލްގެ ތަޖްރިބާތައް ކުރުން ހިމެނެއެވެ. (ރޮއިޓާސް)