ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވާ ދަނޑިވަޅުތަކުގައި ފަތުރުވެރިކަމަށް މާބޮޑު އަސަރެއް ކުރާ ކަމަށް ގަބޫލު ނުކުރާ ކަމަށް ރާއްޖޭގައި ރިސޯޓު ހިންގާ ތައިލެންޑުގެ ހޮޓެލް ގްރޫޕުތަކުން ބުނެފި އެވެ.

ސަން މީޑިއާ އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ނޫސްވެރިން ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ކުރި ދަތުރެއްގައި ރާއްޖޭގައި ރިސޯޓު ހިންގާ ބޮޑެތި ހޮޓެލް ގްރޫޕުތަކުގެ އިސްވެރިންނާ ވަނީ ބައްދަލުކޮށްފަ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅުވައިގެން، ފަތުރުވެރިކަން ދަށަށްދާ ކަމަށް ގަބޫލުކުރެވޭތޯ ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ދެމުން އެ ފަރާތްތަކުން ވެސް ބުނީ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ފަތުރުވެރިކަމަށް މާބޮޑު އަސަރެއް ކުރާ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

އެގޮތުން ރިސޯޓުތަކުގެ އޮކިއުޕެންސީ ވެސް އާންމުކޮށް ރަނގަޅު ކަމަށާއި، ސިޔާސީ މަސްރަހު ހަލަބޮލިވުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ފާހަގަކޮށްލެވޭ ވަރަށް ދަށަށް ނުދާ ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ހޮޓެލް ގްރޫޕުތަކުން ބުނީ، ކޮންމެ ގައުމެއްގައި ވެސް މައްސަލަތައް ހުންނާނެ ކަމަށާއި، ނަމަވެސް ރާއްޖެއިން ފަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭތީ އެ މައްސަލަތަކުގެ އަސަރު ފަތުރުވެރިކަމަށް ނުކުރާ ކަމަށެވެ.

"ރާއްޖޭގައި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ވަރަށް ރަނގަޅަށް އޮތީ ކަށަވަރު ކުރެވިފައި. ގައުމު ހަލަބޮލި ވިޔަސް އެކަން ރިސޯޓުތަކަކުން ނުފެނޭ. އެހެންވީމަ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ އަދަދު މާބޮޑަށް މަދުނުވެ ނޫނީ ފަތުރުވެރިކަން މާބޮޑަށް ދަށަށް ނުދަނީ،" ރާއްޖޭގައި ހަ ރިސޯޓު ހިންގަމުން އަންނަ ތައިލޭންޑުގެ މައިނާ ހޮޓެލް ގްރޫޕުގެ ސީއީއޯ ދިލިޕް ރާޖާކަރިއާ ވިދާޅުވި އެވެ.

އެ ފަރާތްތަކާ ބައްދަލުކޮށް ދެއްކި ވާހަކަތަކުގައި، ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެ އެވެ. ހޮޓެލް ގްރޫޕުތަކުން ބުނީ ރާއްޖޭގެ ފަތުރުވެރިކަމަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ކަމަށާއި ކުރިމަގު ވަރަށް އުޖާލާ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ތައިލޭންޑް އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ވިދާޅުވީ ސިޔާސީ ހަލަބޮލި ކަމުން ކޮންމެސް ވަރެއްގެ އަސަރެއް ކުރި ނަމަވެސް، ކަންބޮޑުވާން ޖެހޭ ވަރުގެ މައްސަލައެއް ނެތް ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުންވެސް ވަރަށް ބަދަހި ކަމަށާއި، ރާއްޖެ އަންނަ ތައިލޭންޑު ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.