އިރުގެ ހަކަތަ ބޭނުންކޮށްގެން ދުނިޔެ ވަށައި ބުރެއް ޖެހުމުގެ ދަތުރުފަށާފައިވާ މަތިންދާ ބޯޓު ތިން ދުވަހުން ފެސިފިކް ކަނޑު ހުރަސްކޮށް ކާމިޔާބު ކަމާއެކު ކެލިފޯނިއާއަށް ޖައްސައިފި އެވެ.

"ސޯލާ އިމްޕަލްސް 2" ނަން ދީފައިވާ އެ ބޯޓު ކެލިފޯނިއާގެ ދެކުނުގައި އޮންނަ ސިލިކޯން ވެލީއަށް ޖައްސާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރެއްހާއިރު އެވެ. އެ ބޯޓު ކެލިފޯނިއާއަށް ޖައްސާފައި ވަނީ ތެޔޮ ބޭނުން ނުކޮށް، ހުއްޓުމެއް ނެތި 62 ގަޑިއިރު، ޕެސިފިކް ކަނޑުމަތިން ދަތުރުކުރުމަށްފަހު އެވެ.

ޕެސިފިކް ކަނޑު ހުރަސްކުރުމަކީ އެންމެ މީހަކާއެކު ދުނިޔެ ވަށައިޖެހުމަށް އެ ބޯޓު ކުރާ ދަތުރުގައި ކަނޑަތުކުރަންޖެހޭނެ އެންމެ ގޮންޖެހުން ބޮޑު އަދި ނުރައްކާތެރި ދަތުރެވެ. ސަބަބަކީ އެމަޖެންސީގައި ޖައްސާނެ ތަންތަން މަދުވުމެވެ.

އިރުގެ ހަކަތަބޭނުންކޮށްގެން ދުނިޔެ ވަށައިޖެހުމުގެ ދަތުރުފަށާފައިވާ "ސޯލާ އިމްޕަލްސް 2" ސެން ފުރެންސިސްކޯ މަތިން އުދެހެނީ --- ފޮޓޯ/ އޭޕީ

ތޭރަ އަހަރުގެ ދިރާސާ އާއި މަސައްކަތުން އުފެއްދި އެ ބޯޓުގެ ދަތުރު ފަށާފައި ވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. މަތިންދާ ބޯޓުގެ ކޮކްޕިޓުގައި އެންމެ ޕައިލެޓަކަށް އިނދެވޭ އެ ބޯޓު ދުއްވަމުންދަނީ ހުއްޓާ ކޮންމެ މަންޒިލަކުން ޕައިލެޓް ބަދަލުވާ ގޮތަށެވެ. ބޯޓު ދުއްވަމުން ދަނީ ސްވިޒަލޭންޑުގެ ދެ ޕައިލެޓުން ކަމަށްވާ، އެންޑްރޭ ބޯޝްބާގާއި ޕްރެޓްރެން ޕިކާޑް އެވެ.

މިހާތަނަށް އެ ބޯޓު ވަނީ އޮމާނާއި މިޔަންމާ އާއި ޗައިނާގެ އިތުރުން ޖަޕާން އަދި ހަވާއީ އަށް ޖައްސާފަ އެވެ.

ޕެސިފިކް ކަނޑު ހުރަސްކޮށް ކެލިފޯނިއާއަށް ޖެއްސުމަށްފަހު މަތިންދާބޯޓު ދުއްވަން އިން ޕްރެޓްރެން ޕިކާޑް އުފާފާޅުކުރަނި --- ފޮޓޯ/ އޭޕީ

"ސޯލާ އިމްޕަލްސް 2"ގެ ދަތުރުގެ ހަބަރާއި މައުލޫމާތު ގެނެސްދެމުންދާ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، އެޓްލާންޓިކް ކަނޑު ހުރަސްކޮށް ޔޫރަޕަށް ނުވަތަ އުތުރު އެފްރިކާއަށް ދިއުމުގެ ކުރިން އެމެރިކާގެ ތިން ސަރަހައްދަކަށް ހުއްޓާނެ އެވެ.

"ސޯލާ އިމްޕަލްސް 2" ބޯޓުގެ ދުވެއްޔަކީ ގަޑިއަކު 50 ކިލޯމީޓަރާއި 100 ކިލޯ މީޓަރާ ދެމެދުގެ ދުވެއްޔެކެވެ. 2300 ކިލޯގްރާމް ނުވަތަ 2.3 ޓަނުގެ ބަރުދަން ހުންނަ މިބޯޓުގެ ފިޔަގަނޑުގެ ފުޅާމިނުގައި 236 ފޫޓް ހުރެއެވެ. އެ ބޯޓުގެ ދަތުރަށް ބޭނުންވާ ހަކަތަ އިރުން ހޯދުމަށްޓަކައި އެ ބޯޓުގެ ފިޔަގަނޑުގައި 17،000 ސޯލާ ސެލް ހަރުކޮށްފައިވެ އެވެ.