އަލްގުދުސް (އޭޕްރިލް 25): އިސްރާއީލުން ހައްޔަރުކޮށް ޖަލަށްލާފައި ހުރި ފަލަސްތީނުގެ އެންމެ ހަގު ކުއްޖާ އިއްޔެ މިނިވަންކޮށްފި އެވެ.

އިސްރާއީލުގެ އަސްކަރީ ކޯޓަކުން ބާރަ އަހަރުގެ ދީމާ އަލްވާވީގެ މައްޗަށް ޖަލު ހުކުމް ކުރީ ގާނޫނާ ހިލާފަށް ވަޅިއެއް ގެންގުޅުމުގެ ކުށުގަ އާއި ވަޅިން ހަމަލާ ދޭން މަސައްކަތް ކުރުމުގެ ތުހުމަތުގަ އެވެ. އަދި އެކޯޓުން ވަނީ ދީމާގެ މައިންބަފައިން ދެހާސް ޑޮލަރަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފަ އެވެ.

އިސްރާއީލުން ހައްޔަރު ކުރި 12 އަހަރުގެ ދީމާ އަލްވާވީ -- ފޮޓޯ: އޭޕީ

ދީމާގެ މައްޗަށް ކޮށްފައިވާ ދައުވާގައިވާ ގޮތުން އޭނާ ވަނީ ޔަހޫދީއަކަށް ވަޅިން ހަމަލާ ދޭން ރޭވި ކަމަށް އިއުތިރާފުވެފަ އެވެ.

އިސްރާއީލުގެ ގާނޫނުތަކުގައިވާ ގޮތުން އެ ގައުމުގެ 14 އަހަރުން ދަށުގެ ކުއްޖަކަށް ޖަލު ހުކުމެއް ނުކުރެވޭނެ އެވެ. ނަމަވެސް، 12 އަހަރުން މަތީގެ ފަލަސްތީނުގެ ކުދިންނަށް ޖަލު ހުކުމް ކުރެވޭ ހާއްސަ އަސްކަރީ ގާނޫނެއް އެގައުމުގައި އޮވެ އެވެ.

އިސްރާއީލުގެ ޖަލު ރިޕޯޓެއްގައިވާ ގޮތުން ފެބްރުއަރީ މަހު އެ ގައުމުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ކުޑަކުދިންގެ އަދަދު 438 އަށް އަރަ އެވެ. އޭގެ ތެރެއިން ފަސް ކުދިންނަކީ 14 އަހަރުން ދަށުގެ ކުދިންނެވެ. އަދި 12 ކުދިންނަކީ އަންހެން ކުދިންނެވެ. (ޓެލެގްރާފް)