25 Apr 2016, 09:18
ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރުތައް ކުރަމުންދާ އެމްޓީސީސީގެ އޭސީ ދެ ފެރީއަށް ޓެކްނިކަލް މައްސަލައެއް ކުރިމަތިވެ އޭސީ ފެރީގެ ދަތުރުތައް މެދުކެނޑިއްޖެ އެވެ.
އެމްޓީސީސީގެ މީޑިއާ އޮފިޝަލް "ސަން"އަށް މިއަދު ވިދާޅުވީ އޭސީ ދެ ފެރީއަށް ވެސް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށާއި އެކަން ހައްލު ކުރުމަށް އެ ކުންފުނީގެ ޓެކްނިކަލް ޓީމުން ތިލަފުށީގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަނެއްކާވެސް އެ ހިދުމަތް ދޭން ފެށޭނެ ދުވަހެއް ބުނަން އަދި ނޭންގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީގެ "ޕްރިމިއަމް ލިންކް"ގެ ނަމުގައި މާލެ އާއި ހުޅުމާލެއާ ދެމެދު ހިދުމަތް ދެމުން އަންނަ އޭސީ ފެރީން ބަޔަކު ފައިބަނީ-- ސަން ފައިލް ފޮޓޯ
"ހައްލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން، މާދަމާ ނުވަތަ އަންނަ ހަފްތާގައި ކަމެއް ހިދުމަތް އަލުން ފެށޭނީކީއެއް ދަށްނަވަން އަދި ނޭންގޭ، އަޅުގަނޑުމެން ހިދުމަތް ފަށާނީ މައްސަލަ ހައްލުވުމުން،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭސީ ފެރީގެ ދަތުރުތައް މެދުކެނޑުނު ނަމަވެސް އެހެން ފެރީތައް ޝެޑިއުލާ އެއްގޮތަށް ދަތުރުކުރަމުން އަންނަ ކަމަށާއި އެހެންކަމުން ހުޅުމާލެ އާއި މާލެއާ ދޭތެރޭ ދަތުރުތައް ކުރުމަށް ދަތިތަކާ ކުރިމަތިނުވާނެ ކަމަށެވެ.
މާލެ އާއި ހުޅުމާލެއާ ދެމެދު އޭސީ ފެރީގެ ދަތުރުތައް ފަށާފައި ވަނީ މިދިޔަ މާޗު މަހުގެ ތިން ވަނަ ދުވަހު އެވެ. އޭގެ ފަހުން ވެސް ފެރީއަށް މައްސަލަ ޖެހި މާޗް 12 ވަނަ ދުވަހު ވަނީ ފެރީގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑިފައެވެ.