ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގުޅޭ ޝަރީއަތްތަކެއް ހިންގަން ޖެހުނީ، އެ މައްސަލަ ނުބަލައި ދޫކޮށްލައިފި ނަމަ ނަޝީދު ކުރެއްވި ފަދަ ކަމެއް ރައީސް ޔާމީނަށްވެސް ކުރެވިދާނެކަމުގެ ބިރު އެމަނިކުފާނަށް ހީވާތީކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 124 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ކުރީގެ ރައީސް ނަޝީދަށް ނިސްބަތްކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ނަޝީދަށް ޝަރީއަތް ކުރެއްވީ ވެރިކަމުގައި އެންމެ އިސްކޮށް ހުންނަވައިގެން މީހުން ހިފައި ހައްޔަރު ކުރި ރައީސަކާ މެދު އެ މައްސަލަ ބެލެންވާނެ ކަމަށް އެމަނިކުފާނުގެ އަމިއްލަ ޒަމީރަށް ގަބޫލުކުރެއްވޭތީ ކަމަށެވެ.

ވެރިކަމުގަ އެންމެ އިސްކޮށް ހުންނަވައިގެން މީހުން ހިފައި ހައްޔަރުކުރަން އަމުރުކުރެއްވި ރައީސަކާ މެދުގައި އެ މައްސަލަ ބެލެންވާނެ ކަމަށް އަޅުގަނޑުގެ އަމިއްލަ ޒަމީރު ގަބޫލުކުރޭ. އެއީ އެކަންކަން ދޫކޮށްލައިފި ކަމަށް ވަންޏާ އަޅުގަނޑަކީ ވެސް ހަމަ އެ ނުރައްކާތެރި އަނިޔާ ނުރާނެ މީހަކަށް ވެދާނެކަމުގެ ބިރު އަޅުގަނޑަށް ހީވާތީ،ރައީސް ޔާމީން

ރައީސް ވިދާޅުވީ، ގާނޫނުން ބޭރުން ދައުލަތެއް ވައްޓާލަން ނުކުންނަ ފަރާތްތަކާ ދޭތެރޭގައި އަދި އަމުދުން އެ ހަރަކާތް ނިމިގެންދާ އިރު، ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ފުލުހުންނަށް ނުރައްކާތެރި ހަމަލާ ދެވޭވަރަށް ޕިކަޕެއް ފުރައި ޕެޓްރޯލް ހިފައިގެންދާ މީހުންނާމެދު ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް އެމަނިކުފާނަށް ގަބޫލުކުރެވޭ ކަމަށެވެ.

ސިފައިންގެ ހިދުމަތުގައި ހުރެ ދައުލަތަށް ދެވޭ ހަމަލާތަކުގައި ބައިވެރިވުމާއި، ސިފައިންގެ އާމަރީން ހަތިޔާރު ނެރެގެން ކަންކަން ކުރަން އުޅުމަކީ ސިފައިންގެ ހިދުމަތަށް ހިމޭންކަން ގެނުވާފަދަ ކަންކަން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، ރައްޔިތުންނާ ކިތަންމެ ގާތުން ހިދުމަތްދިން ނަމަވެސް ސިފައިންގެ ކަރާމާތް ގެއްލޭ ކަންކަން ކޮށްގެން ނުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ގައުމު އަދި ރައްޔިތުން ސިއްސުވާލާ ކޮންމެ ކަމެއްގައި ވެސް ރައްޔިތުންގެ ހިދުމަތަށް ނުކުންނަ ބަޔަކީ ސިފައިން ކަމަށެވެ. ސިފައިންގެ މީހެއްގެ ސުލޫކަކީ އޭނާ މަގާމުގައި ހުންނަ އިރު އެކަނި ދަމަހައްޓަން ޖެހޭ ސުލޫކެއް ނޫން ކަމަށާއި ޝަރަފްވެރިކަމާ އެކު ރިޓަޔާ ކުރުމަށް ފަހު އޭނާގެ ޒިންމާ މާ ބޮޑުވެގެން އަންނަ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ގައުމުގެ ސިޔާދަތަށް ހުރަސް އެޅެނީ އަބަދުވެސް ބަޔަކު އެމީހުންގެ އަމިއްލަ ފައިދާއަށް ކުރާ ކަންކަމުގެ ސަބަބުން ކަމަށެވެ. އެގޮތުން ރައީސަކު ވިޔަސް ކުރާ ގާނޫނާ ހިލާފު އަމަލެއް ނަމަ އެ އަމުރަކަށް ނޫނެކޭބުނަން ސިފައިންނަށް ކެރެން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.