ރާއްޖެއާ މެދު ކޮމަންވެލްތުން ކަންކަން ކުރަމުން އަންނަ ގޮތަކީ ގަބޫލުކުރެވޭނެ ކަންކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 124 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ކަންކަމާ އެހެން ހުރިހާ ފަރާތްތަކުން ބެހެން ޖެހޭނެކަމަށް އެމަނިކުފާނު ގަބޫލުނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންނާ ދޭތެރޭ އަޅުގަނޑުމެން ބައިވެރިވެގެން މިއުޅޭ ކޮމަންވެލްތުން ކަންކަން ކުރާގޮތަކީ އަޅުގަނޑަށް ގަބޫލުކުރަން ފަސޭހަ ކަންކަމެއް ނޫން. ދިވެހިރާއްޖޭގަ ހިނގާމިދާ ކަންކަމުގެ ތެރޭގަ އަޅުގަނޑަށް ގަބޫލުކުރެވެނީ ގޭގަ ހަތިޔާރު ހުންނަ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އެޅެންޖެހޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

"ކޯޑް އޮފް ކޮންޑަކްޓަކީ އަދި ޔުނިފޯމްގެ އަސާސަކީ މަގުން ކައްސާލައިގެންދާކަމުގައިވާނަމަ ރައީސުލްޖުމްހޫރިއްޔާ ވެސް މަގަށް ގެންނަން އިލްތިމާސް ކުރުން. ތިކުރައްވަނީ ގޯހެކޭ ބުނަން ކެރެންވާނެ. ކޮންމެ ކަމަކީ ޔެސް ސަރ އަކުން ފުއްދޭނެ ކަންކަމެއް ނޫން،"ރައީސް ޔާމީން

ރައީސް ވިދާޅުވީ، ދައުލަތުގައި ހިނގާ ކަންކަމާ ބެހޭގޮތުން، ގާނޫނުން ބޭރުން ދިވެހިން ނުވާ ކަންބޮޑުވުން ބޭރުގެ ފަރާތްތަކުން ވާންޖެހޭ ކަމަށް ވެސް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"ގާނޫނުން ބޭރުން ދައުލަތެއް ވައްޓާލަން ނުކުންނަ ފަރާތްތަކާ ދޭތެރޭގަ އަދި އަމުދުން އެ ހަރަކާތް ނިމިގެންދާ އިރު ސިފައިންގެ ސަފުތައް ފޫ އަޅުވާލާފަ ފުލުހުންނަށް ނުރައްކާތެރި ހަމަލާ ދެވޭވަރަށް ޕިކަޕެއް ފުރާ ޕެޓްރޯލް ހިފައިގެންދާ މީހުންނާ ދޭތެރޭގަ ފިޔަވަޅު އެޅެންޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެފަދަ ކަންކަމާ މެދު ކޯޓުތަކުގައި ޝަރީއަތް ހިންގޭތީ ބޭރުގެ ފަރާތްތަކުން އެ ކަންކަމާ ކަންބޮޑުވާކަށް ނުޖެހޭ ކަމަށެވެ. އަދި ރައީސް ވިދާޅުވީ ދިވެހިންގެ ސިޔާދަތު ހިމާޔަތްކުރާނީ ދިވެހިން ކަމަށާއި އެއީ ބޭރުގެ ފަރާތްތަކުން ބެހެންޖެހޭ ކަންކަން ނޫން ކަމަށެވެ.

"އަޅުގަނޑުމެން ދުރު ކަރަކަރައިގަ ޖަލުތަކުގެ ތިބޭ މީހުންނަށް އިންސާފު ނުލިބެޔޭ ކިޔާފަ އެ ފަރާތްތަކަށް މައްސަލަ ހުށައެއް ނާޅަން. އަޅުގަނޑުމެންގެ ދިވެހިން އަވައްޓެރި ތަންތަނުގަޔާ ތަންކޮޅެއް ދުރުތަންތާ ޖަލުތަކުގައި އެބަތިބި. އެތަންތަނުގެ ނިޒާމުތަކެއް އަޅުގަނޑުމެން ކުށްވެރިއެއް ނުކުރަން. ތަންކޮޅެއް ދުރު ގައުމުތަކުގަ ސިޔާސީ ލީޑަރުން ކުރެއްވި ކަންކަމުން ކޯޓުގައި ޝަރީއަތްކޮށް ގަތުލުކުރެވޭތަންވެސް އެބަފެނޭ. މީންކަމެއް އަޅުގަނޑުމެންނާ ދޭތެރޭ ފިޔަވަޅު އަޅަން މި ގޮވާލާ ފަރާތްތަކަށް ފެންނަ ކަމަކަށް ނުވޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ "ކުޑަ ގައުމަށް ކުޑަ އިންސާފު، ބޮޑު ގައުމަށް ބޮޑު އިންސާފު" އަދި "މުލައްދަނޑީގެ ބާރު ވަރުގަދަވުން" އެއީ ގަބޫލުކުރައްވަން ދަތި ކަންކަން ކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފަނޑިޔާރުން ހިފައި ހައްޔަރުކުރުން ފަދަ ކަންކަން ކުރުމަކީ ޖަވާބުދާރީވާން ނުޖެހޭނެ މައްސަލައެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި، ވެރިޔަކު ނުވަތަ ރައީސަކު ކުރާ ޣައިރު ގާނޫނީ އަމުރަކަށް ވެސް ސިފައިންގެ ވެރިން ނޫނެކޭ ބުނަންޖެހޭ ކަމަށެވެ.

"ކޯޑް އޮފް ކޮންޑަކްޓަކީ އަދި ޔުނިފޯމްގެ އަސާސަކީ މަގުން ކައްސާލައިގެންދާކަމުގައިވާނަމަ ރައީސުލްޖުމްހޫރިއްޔާ ވެސް މަގަށް ގެންނަން އިލްތިމާސް ކުރުން. ތިކުރައްވަނީ ގޯހެކޭ ބުނަން ކެރެންވާނެ. ކޮންމެ ކަމަކީ ޔެސް ސަރ އަކުން ފުއްދޭނެ ކަންކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސުންނަކީ ވެސް ގާނޫނީ އިމުގައި މަސައްކަތް ކުރަންޖެހޭނެ ބައެއް ކަމަށާއި ބޭރުގެ ފަރާތްތަކުން އަންނަ ހުރިހާ މައްސަލަތަކަކީ އެފަދަ ކަންކަމާ ވިދިގެން އަންނަ ކަންކަން ކަމަށެވެ.