އަބުރާ ބެހުމުގެ ބަދަލެއްގެ ގޮތުން ދޭންޖެހޭ ފައިސާ ނުދައްކައިފިނަމަ އެމީހަކު ޖަލަށްނުލައި އޯގާތެރި މީހުންގެ ހައްގުތަކަށް އިހްތިރާމްކުރާ މުޖުތަމައުއެއް ރައީސުލްޖުމްހޫރިއްޔާ އަށް ބިނާކޮށް ނުދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 124 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަބުރާ ބެހުމުން ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާ ނުދައްކައިފި މީހަކު ޖެހޭނީ ޖަލު ގޮޅިން ޖާގަ ހޯދަން ކަމަށެވެ.

އަބުރާ ބެހޭއިރު އެނގެންވާނެ ގާނޫނު އަރާ ހަމަކުރާނެކަން. އަބުރުގެ ބަދަލު ނަގައިދެވެންވާނެ ކަން ގަބޫލުކުރަންވާނެ. އަދި އަބުރުގެ ބަދަލު ނަގައިދޭއިރު އެ ފައިސާ ނުދައްކައިފި ކަމަށް ވަންޏާ ދެން ޖެހޭނީ ޖަލު ގޮޅިން ޖާގަ ހޯދަން. އެހެންނޫންގޮތަކަށް މިތަނުގެ އޯގާތެރި، މީހުންގެ ހައްގުތަކަށް އިހްތިރާމްކުރާ މުޖުތަމައުއެއް ރައީސަކަށް ބިނާނުކޮށްދެވޭނެ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން

ރައީސް ވިދާޅުވީ، މީހުންގެ އަބުރާ ބެހުމުން، މިވަގުތު އޮތް ކޯޓުގެ ނިޒާމުން ނަގައިދެނީ 4000 ރުފިޔާ ކަމަށާއި އެކަމަކު ރާއްޖޭގެ ކަންތައްތައް މިއަދު ތަރައްގީވެފައި އޮތް މިންވަރުން 25000 ރުފިޔާ އާއި 60000 ރުފިޔާ އެ މައްސަލާގައި ވަކާލާތު ކުރައްވާ ގާނޫނީ ވަކީލަށްވެސް ދޭންޖެހޭ ކަމަށެވެ.

އެހެންކަމުން އަބުރާ ބެހުމުން އަބުރު ހިމާޔަތްނުކުރެވި މާލީގޮތުން އެމީހަކަށްވާ ފައިދާ ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދު އެކަން އޮތްގޮތުން އަބުރު ހިމާޔަތް ކުރަންވީ ކީއްވެގެންތޯ ސުވާލު އުފެއްދެވުމަށްފަހު ރައީސް ޔާމީން ވިދާޅުވީ، އަބުރާ ބެހުމުން ދޭންޖެހޭ ޖޫރިމަނާގެ ފައިސާ ބޮޑުކޮށް އެފައިސާ ނުދައްކާ މީހުން ޖަލުގެ ގޮޅިއަށް ލާންޖެހޭ ކަމަށެވެ.

މީހުންގެ އަބުރާ ބެހޭއިރު، އެމީހަކު ގާނޫނާ އަރާ ހަމަކުރާނެކަން އެނގެން ވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުރުމުގެ މިނިވަންކަމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކެވެ. އެ ބިލަށް ބަހުސްކުރުން މަޖިލީހުން އަދި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.