25 Apr 2016, 09:39
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުގައި، ރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ގިންތިން އިނާމު ދިނުމަށް ޓަކައި، ނާށި ބޭނުންކޮށްގެން ތަކެތި އުފެއްދުމުގެ މުބާރާތެއް އިކޮނޮމިކް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު 2012 ވަނަ އަހަރުން ފެށިގެން ދެމުން ދާ އިރު، އޭގެ ގިންތިތަކުގެ ތެރެއިން، "ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއްކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ގިންތީގެ މުބާރާތް ބޭއްވުމަށް ނިންމީ 2014 ވަނަ އަހަރުން ފެށިގެންނެވެ.
ނެތެމުންދާ ދިވެހި މަސައްކަތްތެރިކަން ދިރުވައި އާލާ ކުރުމުގެ ދާއިރާ، މި ގިންތީގައި ހިމަނާފައިވާ އިރު، މި އަހަރު އެ ދާއިރާ އިން އިނާމު ދޭނެ ފަރާތެއް ކަނޑައެޅުމަށް ޓަކައި ބާއްވަނީ ނާށި ބޭނުންކޮށްގެން ތަކެތި އުފެއްދުމުގެ މުބާރާތެއް ކަމަށް އެކޮނަމިކް މިނިސްޓްރީ އިން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ، މުބާރާތުގައި ބައިވެރި ކުރެވޭނީ، ނާށި ބޭނުންކޮށްގެން ރާއްޖޭގައި އުފައްދާފައިވާ އުފެއްދުންތަކަށާއި، އިނާމު ދެވޭނީ މަދުވެގެން ފަސް ފަރާތަކުން މުބާރާތުގައި ބއިވެރިވުމަށް ތަކެތި ހުށަހަޅާފައިވާ ނަމަ ކަމަށެވެ. އަދި އެތަކެތި އުފައްދާފައި ވަނީ، މުބާރާތަށް އިއުލާނު ކުރި ފަހުން ކަމަށް ވާން ޖެހޭ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
އެ މުބާރާތުން އެއްވަނަ، ދެވަނަ އަދި ތިންވަ ވެސް ދިނުމަށް ހަމަޖެހިފައިވެ އެވެ. އެހެން ނަމަވެސް މި މުބާރާތުން އެއްވަނަ އަށް އަންނަ ފަރާތަށް، ޖުމްހޫރީ ދުވަހުގެ ރަސްމީ އިހްތިފާލުގައި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ލިބިގެން ދާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެ އެވެ.