އަމީނީމަގު މުނިހޯމްކެއާ ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަޚަމްވި ދެ މީހަކަށް އައިޖީއެމްޗުގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަންއަށް ވިދާޅުވީ، މިރޭ 20:05 ކަންހާއިރު، އަމީނީ މަގުން، މުނިހޯމް ކެއާ ސަރަހައްދުގައި ޕިކަޕެއްގައި ކަފުޖަހައިގެން ގެންދިޔަ ކޮންކްރީޓް ޕަމްޕެއްގައި ސައިކަލަކުން ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި އެ އެކްސިޑެންޓްގައި ދެ މީހަކަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ.

"އެކްސިޑެންޓްގައި އަނިޔާވީ ދެ ފިރިހެނުންނަށް. އެއީ ސައިކަލްގައި ތިބި ދެމީހުން،" އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަނިޔާވި ދެމީހުންނަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށެވެ.

"އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ނޭނގެ. އެހެން ނަމަވެސް، އެއިން އެކަކު އޮޕަރޭޝަނެއް ކުރަން ޖެހޭކަމަށް މައުލޫމާތު ލިބިފައި ވަނީ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބް ވިދާޅުވީ، މިރޭ މާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް، އެ ހޮސްޕިޓަލްގެ އިމަޖެންސީގައި ފަރުވާ ދެމުން ގެންދާ ކަމަށާއި، އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލް އަދި އެނގި ނުލައްވާ ކަމަށެވެ.