24 Apr 2016, 19:59
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުން ގޭބަންދަށް ބަދަލުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކުރި 29 އަހަރުގެ ދިވެހި ފިރިހެން މީހާ އާއި 31 އަހަރުގެ ދިވެހި ފިރިހެން މީހާ ގޭބަންދަށް ބަދަލުކުރީ އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން މިދިޔަ ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން އެގޮތަށް އަމުރު ކުރުމާ ގުޅިގެންނެވެ. އެ ދެ މީހުން ގޭބަންދަށް ބަދަލުކުރީ ކިތައް ދުވަހަށް ކަމެއް އަދި ސާފެއް ނުވެއެވެ.
ކްރިމިނަލް ކޯޓުން އެ ދެ މީހުން ގޭބަންދަށް ބަދަލުކުރީ ކީއްވެގެން ކަމެއް ނޭނގެއެވެ.
އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކީ ހުޅުމާލޭގައި ރިލްވާން ދިރިއުޅޭ އެޕާޓްމަންޓު ކައިރިން އޭނާ ގަދަކަމުން އަރުވައިގެން ދިޔަ ކަމަށް ބުނާ ކާރުގެ ވެރިފަރާތް ކަމުގައިވާ ހ. ހިލްޓަން އަހްމަދު އާލިފް ރައޫފެވެ. ދެން ހައްޔަރުކުރީ ކާކުކަމެއް އަދި ސާފެއް ނުވެއެވެ.
ރިލްވާން ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
އެ މައްސަލައާ ގުޅިގެން މިމަހުގެ ދެވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޓެންޓު އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވީ ރިލްވާން ގެއްލުނުރޭ އެކާރު އޮތް ސަރަހައްދުން ތިން ފަހަރު މީހެއްގެ ހަޅޭލަވައިގަތް އަޑު އިވުނު ކަމަށާއި އެއިރު އެކާރުގެ ވައަތްފަރާތު ދޮރު ހުޅުވިފައި ހުރި އިރު، އެއިން އަތެއް ދިއްކުރަނިކޮށް ފެނިފައިވާ ކަމަށް މަންޒަރު ދުށް މީހުން ތަހުގީގަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ
އޭނާ ވިދާޅުވީ ރިލްވާން ގެއްލިފައި ވަނީ ދުރާލައި ރާވައިގެން ބަޔަކު ކުރި ކަމެއްގެ ސަބަބުން ކަމަށެވެ. ރިލްވާނަށް ފާރަލުމުގައި އެންމެ އިސްކޮށް އުޅުނީ ސ. ހުޅުދޫ އަތިރީއާގޭ މުހައްމަދު ސުއައިދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިލްވާން ގަދަކަމުން އެރުވި ކަމަށް ބުނާ ކާރުގެ ވެރިފާރަތް ކަމުގައިވާ އާލިފް ރައޫފާއި ސުއައިދަކީ ގާތް ދެ ރަހުމަތްތެރިން ކަމަށާއި އެ ދެ މީހުންނަކީ ވެސް ކުޑަހެންވޭރު ގްރޫޕަށް ނިސްބަތްވާ ދެ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރިލްވާންގެ ފޯނުގެ ނެޓުވޯކް ގެއްލިފައިވާ ހިސާބެއް ބެލުމަށް ކުރި މަސައްކަތުން އެ ފޯނު އޭގެ ޒާތުގައި ސުވިޗް އޮފްކޮށްލާފައިނުވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ސަތީހު ވިދާޅުވި އެވެ.
މިހާތަނަށް ތަހުގީގުން ހޯދުނު ހޯދުންތަކުން ރިލްވާނަށްވީ ކިހިނެތް ކަމެއް އަދި ބުނެދޭން ނޭނގޭ ކަމަށާއި އެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ޝަތީހު ވަނީ ވިދާޅުވެފައެވެ.